ކުލަބް ވެލެންސިއާގެ މެނޭޖަރުކަމާ ހަވާލުވިތާ 22 ދުވަސް ނުވަނީސް މުހައްމަދު ހާނިމް އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ހާނިމް މިއަދު ވިދާޅުވީ މަގާމުން އިސްތިއުފާދެއްވީ އެފްއޭއެމްގެ އާ ރައީސަކަށް އިންތިހާބު ކުރި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަޙްމަދުގެ ބެލެނިވެރި ކަމުގެ ދަށަށް އެ އިދާރާގެ އެންމެހައި ކަންކަން ބަދަލުކުރެވެންދެން، އުފެއްދި ހަ މެންބަރުގެ ވަގުތީ ކޮމެޓީއަށް އޭނާ ހަމަޖެއްސުމުން ކަމަށެވެ.

އޭނާ ވިދާޅުވީ އެފްއޭއެމްގެ ވަގުތީ އެކްޓިން ޖެނެރަލް ސެކެރެޓަރީގެ މަގާމުގައި ހުރެ ކުލަބެއްގެ މެނޭޖަރު ކަމުގައި ހުރުމަކީ އެންމެ ޒިންމާދާރު ގޮތްކަމަށް ނުދެކޭކަމަށެވެ.

"މަގާމުން އިސްތިއުފާ ދިނީ އެފްއޭއެމްގެ ބޮޑު މަގާމެއްގައި ހުރެ ކުލަބެއްގެ މެނޭޖަރު ކަމުގައި ހުރުމަކީ އެހާރަގަނޅު ކަމަކަށް ނުފެންނާތީ. އަޅުގަނޑު މިހާރު ވަނީ ކުލަބުގެ މެނޭޖްމަންޓަށް ވެސް އެކަން އަންގާފަ."ހާނިމް ވިދާޅުވިއެވެ.

ދެހާސް އަށްވަނަ އަހަރު ސާފްޗެންޕިއަންޝިފް ފުޓްބޯޅަ މުބާރާތުން ރާއްޖެ ރަންމެޑަލް ހޯދިއިރު ހާނިމަކީ ދިވެހި ގައުމީ ޓީމުގެ މެނޭޖަރެވެ. އަދި އޭނާ އަކީ ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބުގެ މެނޭޖަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.