ވިޔަފާރި ކުރުމަށް ޓަކައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ގެންގުޅުނު މީހަކު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ ރ. މަޑުއްވަރީ މުޝްތަރީގޭ ޙުސައިން ޞަބާހުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ 2011 ވަނަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު ރޭ ދަންވަރު 12:30 ހާއިރު ޞަބާހު އާއި ގދ. ނަޑެއްލާ ޗަމަން މުހައްމަދު އަސްވަދާއި ދެމީހުން މާވެޔޮމަގުން ސައިކަލުގައި ދަނިކޮށް ފުލުހުން އެ ދެ މީހުން ހުއްޓުވި ކަމަށާއި، އެ ދެ މީހުންގެ ހަށިގަނޑު ބަލައި ފާސްކުރި އިރު އަސްވަދުގެ ޖީބުން ފެނުނު ތަޅުދަނޑި ފައްޗެއް ނަގައި އެ ދެ މީހުން ހިންގާ ކުންފުންޏެއްގެ އޮފީހަށް ގޮސް އެމީހުންގެ ހާޒިރުގައި އެ އޮފީސް ޗެކްކުރި އިރު އެތަނުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން އެކި ބާވަތްތަކުގެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަމަށެވެ.

އެ ފޮށިގަނޑުން ފެނުނު މަސްތުވާތަކެތި އަޅައިފައި ހުރި ރަބަރު ޕެކެޓުން ނެގުނު އިނގިލީގެ ނިޝާން ޞަބާހުގެ ވައަތުގެ މެދު އިނގިލީގެ ނިޝާނާ ދިމާ ވާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.

ޞަބާހުގެ މައްޗަށް ދެ ކުށެއް ސާބިތުވާކަމަށް ވަނީ ހުކުމް ކޮށްފަ އެވެ. އެއީ ވިޔަފާރިކުރާން މަސްތުވާތަކެތި އަތުގައި ބެހެއްޓުމުގެ ކުށުގައި އުމުރަށް ޖަލަށް ލުމަށާއި ވިޔަފާރިކުރާން މަސްތުވާ ބޭސް ގެންގުޅުމުގެ ކުށުގައި ދިހަ އަހަރަށް ޖަލަށް ލުމަށެވެ.

ޞަބާހުގެ މައްޗަށް ކުށް ސާބިތު ވި ނަމަވެސް އަސްވަދުގެ މައްޗަށް ކުށް ސާބިތު ކުރެވޭވަރުގެ ހެކި ލިބިފައި ނުވާތީ އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ވެސް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.