އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އެލަވަންސް ދިނުމަށް ނިންމައި އެ އެލަވަންސް ދޭނެ އޮނިގަނޑު ކައުންސިލްތަކަށް ފޮނުވައިފިއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ކޮންމެ ރަށު ކައުންސިލަކާއި ސިޓީ ކައުންސިލެއްގެ ބެލުމުގެ ދަށުގައި އޮންނާން ޖެހޭ "އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީ" ގެ ޖަލްސާއަށް ހާޒިރު ވާ މެމްބަރަކަށް ކައުންސިލާއި އެކޮމިޓީން އެއްބަސްވާ ގޮތެއްގެ މަތީން ދޭން ކަނޑައެޅުމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީގެ ބޯޑުން މަޝްވަރާކޮށް ނިންމައިފައިވާ އެ އެލަވަންސް ދޭނެ އޮނިގަނޑު ކަނޑައަޅައި މިއަދު ވަނީ ކައުންސިލް ތަކަށް ފޮނުވާފައެވެ.

ލޯކަލް ގަވަރންމެންޓް އޮތޯރިޓީ(އެލްޖީއޭ) އިން މިއަދު ބުނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް އެލަވަންސް ދޭނެ އޮނިގަނޑު އެކުލަވާލައި މިއަދު ކައުންސިލްތަކަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެލަވަންސްގެ ގޮތުގައި ދޭނެ އަދަދެއް ކަނޑައަޅާނީ ކައުންސިލްގެ ފުދުންތެރިކަން ހުރި މިންވަރަކުން ކައުންސިލްތަކަށް ލިބޭ އާމްދަނީއަށް ބަލައި އެއޮނިގަނޑަށް ފެތޭ ގޮތަށް ކަމަށެވެ.

"އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަކީ ކައުންސިލެއްގެ ބެލުމުގެ ދަށުގައި އޮންނަ ކޮމެޓީއަކަށް ވީހިނދު އެ ކޮމިޓީތަކަށް މަސައްކަތްކުރެވޭނެ ފަދަ އިދާރީ އިންތިޒާމެއް ހަމަޖައްސައިވައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ކައުންސިލަށް މަތިކުރެވިފައިވާ ޒިންމާއެއް" އެލްޖީއޭއިން ބުންޏެވެ.

އެލްޖީއޭއިން ބުނީ މިހާރު އުފެދިފަިއވާ އަންހެނުންގެ ކޮމިޓީތައް ހިންގުމަށް ބޭނުންވާ ތަމްރީނާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމް އެ އޮތޯރިޓީން ކުރަމުން ދާ ކަމަށެވެ.

އަންހެނުންގެ ކޮމެޓީތައް ހިންގުމަށާއި ކޮމެޓީތަކުގެ މެންބަރުންނަށް އެލަވަންސް ދޭންޖެހޭނެ ކަމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ލާޒިމް ކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ ކޮމެޓީއަށް އެލެވަންސް ދިނުމުގެ ފުރުސަތު ކައުންސިލްތަކަށް އޮންނާނެ ކަމަށް ގަވާއިދުގައި ކަނޑައަޅާފައި ވެއެވެ.