30 Jan 2013, 19:07
ކޮމްޕިއުޓަރުގެ ދުނިޔޭގައި ގިނަބައެއްގެ މަގުބޫލުކަން ހޯދައިފައިވާ މައިކްރޯސޮފްޓުން އެ ކުންފުނީގެ "އޮފީސް"ގެ އާ ވާޝަން "މައިކްރޯސޮފްޓް އޮފީސް 2013" ރަސްމީކޮށް ލޯންޗު ކޮށްފިއެވެ.
މައިކްރޯސޮފްޓުން އަލަށް ނެރުނު އޮފީސް ވާޝަންގައި ވޯޑް، އެކްސެލް، ޕަވަޕޮއިންޓް އަދި އައުޓްލުކަށް ވަނީ ވަރަށް ބޮޑަށް ބަދަލު ގެނެސް ޓަޗް ސްކްރީން ތަކުގައި ވެސް އޮމާންކަމާއި ފަސޭހަކަމާއި އެކު މަސައްކަތް ކުރާ ގޮތަށް ފަރުމާކޮށް ފައްކާ ކޮށްފަ އެވެ.
އަދި އޮފީސްގެ އާ ވާޝަން އާއި އެއްކޮށް އެކުންފުނީގެ ސްކައިޕް ވީޑިއޯ ޗެޓްގެ ހިދުމަތް ވެސް ވަނީ ތައާރަފް ކޮށްފަ އެވެ. އެގޮތުން އެ ކުންފުނީގެ ވެބްސައިޓްގައި ވާ އާ "އެޕް ސްޓޯ" އިން އިތުރު ފީޗާސްތައް އޮފީސްއާ އެއް ކުރެވޭ ގޮތަށް ވެސް ވަނީ ހަދާފަ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މައިކްރޯސޮފްޓަށް ލިބޭ ފައިދާގެ ތިންބައިކުޅަ އެއްބައި ބިނާވެގެން ވަނީ އެކުންފުނީގެ އޮފީސް ސޮފްޓްވެއާއިން ލިބޭ އާމްދަނީ އަށެވެ.
ދިރާސާތަކުން ދައްކާގޮތުގައި މައިކްރޯސޮފްޓްގެ އޮޕަރޭޓިން ސިސްޓަމް ވިންޑޯޒް ވިސްޓާ އާއި ވިންޑޯޒް7 އަށް އާންމުންގެ މެދުގައި ލިބުނު ތަރުހީބު އެކުންފުނިން އެންމެ ފަހުން ނެރުނު ވިންޑޯޒް 8 އަށް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް އަލަށް ނެރުނު އޮފީސް ކާމިޔާބު ވެއްޖެ ނަމަ ވިންޑޯޒް 8 ގެ ވިޔަފާރި ވެސް ރަނގަޅު ވެގެން ދާނޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ.
މައިކްރޯސޮފްޓުން އެޕަލް އައިޕެޑް ޓެބްލެޓަށް އޮފީސް ނުހަދާ ކަމަށް ބުނެ އަޑުފެތުރިފައިވާ އިރު އެ ކުންފުނިން ނިންމާފައި ވަނީ އެންޑްރޮއިޑް އާލާތްތަކަށް ވެސް އޮފީސް ފައްކާ ނުކުރުމަށެވެ.
މައިކްރޯސޮފްޓުން އޮފީސްގެ އާ ވާޝަނެއް ނެރުނު އިރު އެ ކުންފުނިން ބުނެފައިވަނީ، އޮފީސްގެ އާ ވާޝަނާއެކު އެމީހުންގެ ކްލައުޑް ސްޓޯރޭޖް ކަމަށްވާ "ސްކައިޑްރައިވް" އަށް ސޭވް ކުރާ ޕަވަޕޮއިންޓް ޕްރެޒެންޓޭޝަން ފަދަ ތަކެތި ކިޔާލުމަށް ފަސޭހަ އާލާތްތަކެއް ވެސް ތައާރަފް ކުރެވޭނޭ ކަމަށެވެ. އެގޮތުން އިތުރު ކޮންޓްރޯލް ތަކެއް ހިމަނައިގެން ޓަޗް ސްކްރީންތަކުގައި އިނގިލިން ފަސޭހަކަމާއެކު ޑޮކިއުމަންޓް ތައް ޒޫމްކޮށް ސްވައިޕް ކޮށް ހެދޭނެ ކަމަށެވެ.
މައިކްރޯސޮފްޓު އޮފީސް 2013ގެ އަގު މިފަހަރު އުޅެނީ އެއްކޮމްޕިއުޓަރުގައި ބޭނުން ކުރުމަށް 140 ޑޮލަރަށެވެ. އެހެން ނަމަވެސް އޮފީސް 365ގެ ނަމުގައި ހޯމް ޕްރޭމިއަމް އެޑިޝަން އެއް ތައާރަފުކުރުމަށް އެކުންފުނިން ދަނީ ތައްޔާރުވަމުން ނެވެ. އޮފީސް 365ގެ އަގު އުޅޭނީ ގާތްގަނޑަކަށް 100 ޑޮލަރަށެވެ. އަދި އަހަރަކު ފަސްޕީސީ ނުވަތަ މެކަށް ބޭނުން ކުރެވޭ ގޮތަށް ހޯމް ޕްރިމިއަމް އެޑިޝަން ތައާރަފު ކުރިއިރު އެއާއެކު ހިލޭ 60 މިނިޓުގެ ސްކައިޕް ކޯލް އާއި ސްކައިޑްރައިވްގެ ސްޓޮރޭޖް އިތުރަށް ލިބިގެން ދާނެ އެވެ.
މައިކްރޯސޮފްޓަށް އޮފީސްގެ އަގުތައް ހެޔޮ ކުރާން ޖެހިފައި މިވަނީ ވާދަވެރި އަދި މަގުބޫލުވަމުން އަންނަ ގޫގުލް، ޒޮހޯ، އެޕާޗޭ، އޯޕަން އޮފީސް އިން ހަމަ އެހިދުމަތްތައް ހިލޭ ފޯރުކޮށްދޭތީ އެވެ.
މައިކްރޯސޮފްޓުގެ އޮފީސް 365 ލޯންޗުކުރުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 27 ވަނަ ދުވަހު އެވެ.