އުސްފަސްގަނޑުގައި މިރޭ އެމްޑީޕީން ބާއްވާން އުޅޭ ޖަލްސާ ނުބޭއްވޭނެ ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ މައި އިދާރާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު ޑރ. ޖަމީލް ވިދާޅުވީ ހައިކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައި ވަނީ އެއްވެސް ހަރަކާތެއް ހިންގުމަށް އުސްފަސްގަނޑު ދޫ ނުކުރުމަށް ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ޖަލްސާ ބާއްވާން އެތަން ދޫކުރުމަކީ ކޯޓު އަމުރާ ޚިލާފު ކަމަކަށް ވާތީ ޖަލްސާ ބާއްވާން އެމްޑީޕީ އަށް އެތަން ދޫނުކުރެވޭނެ ކަމަށެވެ.

ޖަމީލު ވިދާޅުވީ ފުލުހުން އުސްފަސްގަނޑަށް އަރައިފައި ވަނީ ހައިކޯޓުން ކުރި އަމުރު ތަންފީޒު ކުރުމަށް ކަމަށާއި އެ އަމުރުގައި ވާ ގޮތުން އުސްފަސްގަނޑު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އެތަން ރޫޅައިލުމުގެ ގޮތުން އެއްވެސް ކަމެއް އަދި ފުލުހުން ނުކުރާނެ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

"މިހާރު ހައިކޯޓުން ނެރެފައިވާ އަމުރުގައި ވާގޮތުގެ މަތިން އެ ސަރަހައްދުގައި އިތުރު އެއްވެސް ކަމެއް ނުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ބާއްވާނީ. އަދި އެއްވެސް ފަރާތަކަށް އެ ސަރަހައްދުގައި ސިޔާސީ ހަރަކާތް ހިންގުމަށް ފުރުސަތެއް ނުދެވޭނެ،" ޖަމީލް ވިދާޅުވި އެވެ.

ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް އެއާ ހިލާފަށް އުސްފަސްގަނޑުގައި ޖަލްސާއެއް ބާއްވާން އެމްޑިޕީން ނިންމާފައި ވަނީ ރާއްޖޭގެ އެކި ހިސާބުގައި ހަމަނުޖެހުން ހިންގުމަށް ކަމަށާއި އެއީ އެއްވެސް ޒިންމާދާރުކަމެއް ނެތި ކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެސަރަހައްދަށް އެއްވާން އެމްޑީޕީން އުޅެނީ ސަރުކާރާއި ފުލުހުން ބަދުނާމު ކުރުމުގެ ގޮތުން ފޮޓޯނަގައި ބޭރު މީޑިއާތަކަށް ފޮނުވުމުމުގެ ބޭނުމުގައި ކަމަށާއި ގާނޫނީ ގޮތުން އެއްވެސް ޖާގައެއް ނެތްކަމެއްގައި އެތަނަށް ދިޔުމުން މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ހަމަނުޖެހުން އުފެދޭނެ ކަމަށެވެ.

"މިރޭ އެމްޑީޕީ ޖަލްސާ ބާއްވާން އެއްވެސް ހާލެއްގައި އުސްފަސްގަނޑު ނުލިބޭނެ. ތިފަދަ ކަމަކަށް އިއުލާންކޮށްފައި ވަނީ ރާއްޖޭގައި ހަމަނުޖެހުން އުފައްދާންށޭ. ކުރިމަތިލުންތަކެއް ކުރިމަތި ކުރާންށޭ. ކަނޑައެޅިގެން ރާއްޖޭގެ ކޯޓަކުން ހުކުމެއް ކޮށްފައި އޮއްވާ އެ ހުކުމާ ޚިލާފަށް އެހިސާބަށް އެއްވަނީ ރާއްޖޭގެ ސަރުކާރު ބަދުނާމު ކޮށް ފުލުހުން ބަދުނާމު ކޮށް އެ ތަނަށް އައިސް ފޮޓޯ ނެގުމުގެ ފުރުސަތު ތަކެއް ހޯދުމަށްޓަކައި. އެނގޭނެ އެ ފުރުސަތެއް ނުލިބޭނެކަން. އެނގޭނެ ޖާގައެއް ގާނޫނީ ގޮތަކުން ނެތްކަން. އެނގޭ މިގޮތަށް އައިމާ މާލެއާ އެހެނިހެން ހިސާބުގައި ހަމަނުޖެހުން އުފެދޭނެކަން،" ޖަމީލު ވިދާޅުވި އެވެ.

މިހާތަނަށް ވެސް އުސްފަސްގަނޑު ސަރަހައްދުގައި ހިންގައިފައި ވަނީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ކަމަށާއި އެތަނުން ނުކުމެގެން ގޮސް މާލެތެރޭގައި ހަމަނުޖެހުން ހިންގައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯޓުއަމުރާ ޚިލާފަށް އުސްފަސްގަނޑު ސަރަހައްދަށް އެއްވާ ނަމަ ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން އެކަން ހުއްޓުވާނެ ކަމަށެވެ. އެގޮތުން އެ ސަރަހައްދުން ފަހަތަށް ޖައްސާން ޖެހޭ މީހުން ފަހަތަށް ޖައްސައި ހައްޔަރު ކުރާން ޖެހޭ މީހުން ހައްޔަރު ކުރަމުން ގެންދާނެ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.