ރަށްތައް ގުޅުވައިލުމުގެ ހިޔާލު ހޯދަން އަންނަ ހޮނިހިރު ދުވަހު ނަގާ ވޯޓަށް ބޭނުންވާ ވޯޓް ފޮށިތައް ބެހެއްޓުމަށާއި ޓްރޭނިން ޕްރޮގްރާމް ހިންގުމަށް ވޯޓްނަގާ ހުރިހާ އަތޮޅުތަކަށް މިއަދު އިލެކްޝަންސްގެ ޓީމްތައް ފުރައިފި އެވެ.


ޑިރެކްޓަރު ޖެނެރަލް މުހައްމަދު ތޮލާލު މިއަދު ވިދާޅުވީ ވޯޓް ފޮއްޓާއި ވޯޓު ނެގުމަށް ބޭނުންވާ ހުރިހާ ސާމާނަކާ އެކު އިއްޔެ ހަތް އަތޮޅަކަށް ކޮމިޝަންގެ ޓީމްތައް ފުރާފައިވާ އިރު މިއަދު ހެނދުނު 6:30 ގައި ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅާއި ވ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅަށް  މިއަދު ޓީމްތައް ފުރާފައިވާ ކަމަށެވެ. ހއ. އަތޮޅާއި އާއި ހދ. އާއި ށ. އާއި ތ. އާއި ލ. އާއި ގއ. ސ. އަތޮޅަށް އިއްޔެ ވަނީ ޓީމްތައް ގޮސްފަ އެވެ.


"މި ޓީމްތައް މިއަދު އަތޮޅުތަކުގެ ވެރި ރަށްރަށަށް ގޮސް، ވޯޓުލާ ރަށްރަށަށް މާދަމާ ތަކެތި ފޮނުވާނެ. އަދި އެ ރަށްރަށުގައި މާދަމާ ތަމްރީނުތައް ވެސް ފަށާނެ. މާލޭގެ ތަމްރީނުތައް މިއަދު ހިނގައިގަންނާނެ،" ތޮލާލު ވިދާޅުވި އެވެ.


ހިޔާލު ހޯދުމުގެ ވޯޓުގައި 105 ރަށަކާއި މާލޭގައި ވޯޓު ފޮށި ބަހައްޓާއިރު މާލޭގައި ބަހައްޓާނީ 10 ފޮއްޓެވެ. މާލޭގައި ބަހައްޓާ 10 ފޮއްޓަކީ އިދާރީ ގޮތުން އެއްކޮށްލާ 29 ރަށެއްގެ ވޯޓު ފޮއްޓެވެ. ޖުމްލަ ބަހައްޓަނީ 141 ފޮއްޓެވެ.