އިންތިހާބުތައް ކަވަރު ކުރުމުގެ އުސޫލްތަކާ ގުޅޭ ގޮތުން ނޫސްވެރީން ތަމްރީނު ކުރުމަށް ޓަކައި މޯލްޑްވްސް ބްރޯޑްކާސްޓިން ކޮމިޝްނާއި އެމެރިކާ އެންބަސީއާ ގުޅިގެން ހިންގި ވޯކްޝޮޕް މިއަދު ނިމި ވޯކްޝޮޕްގެ ބައިވެރިންނަށް ސެޓިފިކެޓް ދީފި އެވެ.

މިއަހަރު ބޭއްވުމަށް ހަމަ ޖެހިފައި ވާ ރިޔާސީ އިންތިހާބަށް ނޫސްވެރީން ހޭލުންތެރި ކުރުމަށާއި، އިންތިހާބު ކަވަރު ކުރާނެ ގޮތުގެ ތަމްރީން ދިނުމަށް ޓަކައި ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕްގައި އިންތިހާބުތައް ކަވަރު ކުރާނެ ގޮތުގެ މައުލޫމާތު ނޫސްވެރިންނަށް ދީފައި ވަނީ ނޫސްވެރިކަމުގެ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޓެރީ އަންޒޯ އެވެ.

ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އަހުމަދު ފަޔާޒް ހަސަން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކަވަރު ކުރުމުގައި އިންތިހާބުތައް ކަވަރު ކުރުމުގެ އުސޫލްތައް ނޫސްވެރިންނަށް ދަސްކޮށް ދޭން ހިންގި ވޯކްޝޮޕްގެ އަލީގައި، ވީހާވެސް މިނިވަން ކަމާ އެކު މަސައްކަތް ކުރުމަށް އޭނާ ނޫސްވެރިންނަށް ގޮވައިލައްވާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ހަބަރުތައް ވީހާ ވެސް ތާޒާކަމާ އެކު ރައްޔިތުންނަށް ގެނެސް ދިނުމަށް ވެސް ނޫސްވެރިންނާއި ރައްޖޭގައި މަސައްކަތް ކުރާ ހުރިހައި މީޑިއާ ތަކަށް އޭނާ ގޮވައި ލެއްވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބްރޯށްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަކީ ވަރަށް މުހިންމު ރިޔާސީ އިންތިހާބެއް ކަމަށާއި އެހެން ކަމުން މި ބޭއްވުނު ވޯކްޝިޕް ލިބުނު މައުލޫމާތުގެ އަލީގައި ވީހާ ވެސް ޒިންމާދާރު ކަމާއެކު މީޑީއާތަކުން ރިޔާސީ އިންތިހާބުގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށް ދިނުމަށް ވެސް ޝަހީބް މީޑިއާތަކާއި ނޫސްވެރިންގެ ކިބައިން އެދިވަަޑައިގަތެވެ.

ވޯކްޝޮޕްގެ ބައިވެރިންނާއި މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޓްރޭނަރު ޓެރީ ވިދާޅުވީ ދިވެހިރާއްޖޭގެ ނޫސްވެރިންނަކީ ވަރަށް ގާބިލް ބައެއް ކަމަށާއި އެހެން ނަމަވެސް ވެރީން އެމީހުންނަށް ޒިންމާ އަދާ ކުރެވޭނެ މާހައުލެއް ހޯދައިދޭން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ތަމްރީނު ޕްރޮގްރާމްގައި މީޑިއާ ބްރޯޑްކާސްޓަރުންނާއި ކަމާގުޅޭ އެހެން ފަރާތްތަކުން ބައިވެރިވެ 15 ފަރާތުން ސެޓްފިކެޓް ހާސިލްކުރިއެވެ.

ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާ ތަރައްގީ ކުރުމަށް ކޮމިޝަނުން ދަނީ މި ފަދަ އެހެން ޕްރޮގްރާމްތައް ވެސް ރާވަމުންނެވެ. މިގޮތުން އަންނަ ފެބުރުވަރީ 03 ގައި "ކްރިއޭޓިވް ކޮންޓެންޓް" އުފެއްދުމަށް ދަސްކޮށްދޭ ވާރކްޝޮޕެއް އޭޝިޔާ ޕެސިފިކް އިންސްޓިޓިއުޓް އޮފް ބްރޯޑްކާސްޓިންގ ޑެވެލޮޕްމަންޓްއާ ގުޅިގެން ބާއްވާން ވަނީ ހަމަޖެހިފައެވެ.