30 Jan 2013, 18:28
މެންޗެސްޓާ ސިޓީއަށް ކުޅޭ އިޓަލީގެ ޒުވާން ފޯވަޑް މާރިއޯ ބަލޮޓެލީ ސިޓީދޫކޮށް ދިޔަކަމުގައި ވީ ނަމަވެސް ހިނގަމުން މިދާ ޓްރާންފާގައި އޭނާގެ ބަދަލުގައި އެހެން ކުޅުންތެރިއަކު ހޯދުމަށް އަދި ވިސްނާފައި ނުވާކަމަށް ސިޓީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފި އެވެ.
މަންޗިނީ އެހެން ބުނެފައި ވަނީ، 2010 ވަނަ އަހަރު އިންޓަ މިލާނުން 24 މިލިއަން ޕައުންޑަށް ސިޓީއާ ގުޅުނު މާރިއޯ ބަލޮޓެލީ މިއަދުގެ ވަގުތެއްގައި އިންޓައާ ވާދަވެރި އޭސީ މިލާނަށް 19 މިލިއަން ޕައުންޑުގެ ފީއަކާއި އަދި އިތުރު 3 މިލިޔަން ޕައުންޑާ އެކު ޖުމުލަ 22 މިލިއަން ޕައުންޑުގެ އަގަގަކަށް ބަދަލުވުމަށް ސިޓީއާއި މިލާންގެ ދެމެދުގައި އެއްބަސްވުމަކަށް އައިސްފައިވާތީ އެކަމާ ގުޅުވައިގެން ނެވެ.
"އަހަރެމެންނަށް މި ޓްރާންސްފާގައި ބާކީ އޮތީ އެންމެ ދެ ދުވަސް. އެހެން ކަމުން މިހާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ރަނގަޅު ކުޅުންތެރިއަކު ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް،" ސިޓީގެ ކޯޗު ބުންޏެވެ.
ޓްރާންސްފާ ޑެޑްލައިން ހަމަވާން ވާއިރަށް ކުޅުންތެރިޔަކު ނުހޯދޭނޭ ކަމަށް މަންޗިނީ ބުނި ނަމަވެސް ސިޓީން ވަނީ ަޖަނަވަރީ ޓްރާންސްފާގައި ބޮޑު ލާރިގަނޑެއް ދުއްވާލައިގެން ނަމަވެސް ނަޕޯލީގެ ފޯވަޑް އެޑިން ކަވާނީ ނުވަތަ އެޓްލެޓިކޯ މެޑްރިޑްގެ ރަޑެމަލް ފަލްކާއޯ ހޯދުމުގެ މަސައްކަތް ފަށާފަ އެވެ.
އަންގާރަ ދުވަހު ސިޓީ އާއި ކިއުޕީއާރު ކުޅެ ލަނޑެއް ނުޖެހި އެއްވަރުވީ މެޗަށް ބަލޮޓެލީ ދިޔަ ކަމުގައި ވީ ނަމަވެސް މިލާންގެ ޑައިރެކްޓަރު އަންބާޓޯ ގަންދިނީ އެމެޗު ފެށުމުގެ ކުރިން ބަލޮޓެލީގެ ޑީލް ހަމަޖެހި ނިމިފައި ވާކަމަށް އެންގުމުން އެމެޗުގައި ބަލޮޓެލީ ކުޅެފައެއް ނުވެއެވެ.
ބަލޮޓެލީ މިލާނަށް ބަދަލުވުމުން ސިޓީގެ ކޯޗު މަންޗިނީ ބުނެފައިވަނީ ބަލޮޓެލީ ގެއްލުމަކީ ސިޓީއަށް ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި އަދި ބަލޮޓެލީ އަކީ އެމީހުން ވަރަށް ލޯބިވާ ކުޅުންތެރިއެއް ކަމަށެވެ.
"އަހަރެމެއް އެންމެންވެސް މާރިއޯ ދެކެ ވަރަށް ލޯބިވޭ. އެކަމަކު އޭނާއަށް އިޓަލީއަށް ދާނޭ ރަނގަޅު ފުރުސަތެއް ލިބުނީމާ އޭނާ އަށް އެންމެ ރަނގަޅު ގޮތަކީ އެ ފުރުސަތުގެ ބޭނުން ހިފުން" މަންޗިނީ ބުންޏެވެ.
މާރިއޯ ބަލޮޓެލީ، 22، ވަނީ 2010 ވަނަ އަހަރު ސިޓީއާ އޭނާ ގުޅުނުފަހުން އެޓީމާއެކު 54 ލީގު ގޭމް ކުޅެފަ އެވެ. އަދި އެޓީމުގައި އޭނާ ކުޅުނު ހުރިހާ މުބާރާތެއްގައި ޖުމްލަ މިހާތަނަށް 30 ލަނޑު ކާމިޔާބު ކޮށްދީފައި ވާއިރު އޭނާއަށް ވަނީ އެ މުއްދަތުގައި 4 ރަތްކާޑާއި 23 ރީނދޫ ކާޑު ދައްކައިފައެވެ.