ކުރިއަށް އޮތް ހަތަރު އަހަރު ދުވަހަށް ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސްކަމަށް އިންތިހާބު ކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންމަބަރު އިލްހާމު އަޙްމަދު ރާއްޖޭގެ ރެފްރީންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އެފްއޭއެމް ހައުސްގައި މިއަދު މެންދުރު އޮތް ބައްދަލުވުމުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ސީނިއާ ރެފްރީންނާއި ޖޫނިއާ ރެފްރީންގެ އިތުރުން އެފްއޭއެމްގެ ނާއިބު ރައީސް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުހުސިން ޙަމީދު (ޖޭފޯ) އާއި އެކްޓިން ޖެނެރަލް ސެކްރެޓަރީ މުހައްމަދު ހާނިމް އާއި ރެފްރީންގެ ކަންތަކާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އިހްސާން އަބްދުލް ޣަނީ (ސާންތީ) ބައިވެރިވެ ވަޑައިގަތެވެ.

މިއަދުގެ ބައްދަލުވުމުގައި އިލްހާމް ވިދާޅުވީ ރެފްރީންނަކީ ރާއްޖޭގެ ފުޓްބޯޅައިގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެއް ކަމަށް ވާ އިރު ރެފްރީންގެ ކަންތަކުގައި އެފްއޭއެމްއިން ވަރަށްބޮޑަށް އަޅާލަން ޖެހިފައިވާކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

އިލްހާމް އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި އެފްއޭއެމް ހިންގުމަށް ސިޔާސީ ބޭފުޅުންކޮޅެއް ހަވާލުވީ ކަމުގައި ވީ ނަމަވެސް އެ އިދާރާއަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވިޔަ ނުދިނުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނޭ ކަމަށެވެ.

އަދި ރެފްރީންނަށް ލިބެންޖެހޭ އެކިއެކި އިނާޔަތްތައް ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން ގަވާއިދުން ލިބޭނޭ ގޮތް ހަމަޖައްސަވައި ދެއްވާނޭ ކަމަށާއި ރެފްރީންގެ ފަރާތުން އަންނަ ޝަކުވާތައް އަޑުއައްސަވައި، އެ ކަންކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް އަވަސް މުސްތަގުބަލެއްގެ ތެރޭގައި ފިޔަވަޅުތައް އަޅުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ރެފްރީންނަކީ އަޅުގަނޑުމެންގެ ފުޓްބޯޅައިގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެއް. އެހެންކަމުން ރެފްރީންނަށް ލިބެންޖެހޭ ފައިސާގެ އެކިއެކި އިނާޔަތްތަކާއި، ޓްރެއިނިން ކިޓް ފަދަ ތަކެތި އެފްއޭއެމް އިން ލިބޭނޭ ގޮތެއް ހަދައިދިނުމަށް އަޅުގަނޑު މަސައްކަތް ކުރާނަން،" އަލަށް އިންތިހާބު ކުރެވުނު ރައީސް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ ރާއްޖޭގެ ރެފްރީންގެ ފެންވަރު ރަނގަޅުކުރުމަށް އޭއެފްސީއާއި ފީފާގެ އެހީތެރިކަމާއެކު ކައިރި މުސްތަގުބަލެއްގައި ޓްރެއިންން ތަކާއި އަދިވެސް ރެފްރީންނަށް ބޭނުންވާ އެހެނިހެން ހިދްމަތްތައް އެފްއޭއެމްގެ ފުރާޅުގެ ދަށުން ފަސޭހަކަމާއި އެކު ލިބޭނޭ ގޮތެއް ހައްދަވައި ދެއްވާނޭ ކަމަށެވެ.

އެފްއޭއެމްގެ އާ ރައީސްގެ ވާހަކަފުޅުގައި އެ އިދާރާގައި މިވަގުތު ފައިސާގެ ދަތިކަން އިންތިހާއަށް އޮތުމާއި އެކު ބައެއް ކަންތައްތައް ކޮށްދެއްވަން ބޭނުންފުޅުވީ ނަމަވެސް އެކަންކަމުގައި ލަސްކަމެއް އައުމަކީ އެކަށީގެން ވާކަމެއް ކަމަށާއި އެހެން ނަމަވެސް ބޭރުގެ ފަރާތްތަކުހެ އެހީއާއި ވިޔަފާރިވެރިންގެ އެހީއާއި އަދިވެސް ލިބެމް އޮތްގޮތަކުން ފައިސާގެ އެހީ ހޯއްދަވައިގެން ނަމަވެސް ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ވެވެން އޮތް ކޮންމެ ގުރުބާނީއެއް ވެސް ވާން އޭނާ ހުންނެވީ ތައްޔާރަށް ކަމަށް ވިދާޅުވި އެވެ.

"އެފްއޭއެމް ހިންގުމަށް ބޭނުންވާ ފައިސާއާއި އަދި އެހެނިހެން އެހީތައް ހޯދުމުގެ މަސައްކަތް ކުރުމަށް އަޅުގަނޑު މިއަންނަ ހޮނިހިރު ދުވަހު ރާއްޖެއިން ބޭރަށް ފުރާނަން. އިރާދަ ކުރެއްވިއްޔާ، ކުރިއަށް އޮތް ތިންމަހެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ގިނަ ކަންތައްތަކެއް އަމަލީގޮތުން ދައްކާނަން،" ރައީސް ވިދާޅުވި އެވެ.

މިއަދުގެ އެ ބައްދަލުވުމުގައި ރެފްރީންނާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި ސާންތީ ވިދާޅުވީ ކުރިއަށް އޮތް ދިވެހި ލީގު ފެށުމުގެ ކުރިން ރެފްރީންނަށް ހާއްސަކޮށްގެން ސެމިނާއެއް ބޭއްވުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށެވެ.

"ކުރިއަށް އޮތް ދިވެހި ލީގު ފެށުމުގެ ކުރިން، އަޅުގަނޑުމެންގެ ދިވެހި ރެފްރީންގެ ފެންވަރު ރަނގަޅުކުރުމަށް އަޅުގަނޑުމެންގެ ރެފްރީޒް ޑިޕާޓުމަންޓުގެ ބެލުމުގެ ދަށުން އޭއެފްސީން ރެފްރީން ގެނެސްގެން ސެމިނާއެއް ބޭއްވުމަށް މަސައްކަތް ކުރަމުން މިގެންދަނީ،" ސާންތީ ވިދާޅުވި އެވެ.

އޭގެ އިތުރުން ނާއިބުރައީސާއި އެކްޓިން ޖެނެރަލް ސެކްރެޓަރީވެސް ވިދާޅުވީ، ރެފްރީންގެ ޝަކުވާތަށް އަޑު އިވިއްޖެ ކަމަށާއި، އެފްއޭއެމްއާއި އަލަށް ހަވާލުވި ޓީމުން އެންމެ ބޮޑު އަހައްމިއްޔަތެއް ދޭނޭ އެއްކަމަކީ ރެފްރީންނަށް ލިބެންހުރި ފުރުސަތުތައް ތަނަވަސް ކޮށްދިނުމާއި ރެފްރީންގެ ޝަކުވާތަކަށް ހައްލެއް ހޯއްދަވައި ދެއްވުން ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ރެފްރީންހެން ބުނެފައި ވަނީ، އެބޭފުޅުންނަށް ވޭތުވެ ދިޔަތަނުގައި ކުރިއެރުންތަކެއް ލިބުނު ކަމުގައި ވިޔަސް ވަރަށް ބޮޑެތި މައްސަލަތަކެއް ރެފްރީންނަށް ވޭތުވެ ދިޔަތަނުގައި ކުރިމަތި ވެފައި ވާކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތްތަނުގައި އެ މައްސަލަތަށް ހައްލުވެ ރެފްރީންނަށް ލިބެންޖެހޭ އިނާޔަތްތަކާއި، ޓްރެއިންނި ތަކާއި އަދި ކުރިއެރުންތައްވެސް އަމަލު ކުރެވޭފަދަ ގަވާއިދެއްގެ ދަށުން ހަމަޖައްސަވައި ދެއްވާނޭ ކަމަށް އުއްމީދު ކުރަށްވާ ކަމަށެވެ.