30 Jan 2013, 16:43
ސިޔާސީ ދާއިރާ އިން ދުރަށް ވަޑައިނުގަންނަވާ ކަމަށާއި ސިޔާސީ ދާއިރާ އިން ވެސް ސިއްހީ ދާއިރާ އިން ވެސް ފެންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިނާ ވާހަކަ ދައްކަވަމުން ޑރ. ޑީޑީ މިއަދު ވިދާޅުވީ އޭނާ އެއްވެސް ގޮތަކަށް ސިޔާސީ މައިދާނުން ދުރަށް ވަޑައިނުގަންނަވާ ކަމަށާއި އެގޮތަށް ކަންތައްތައް ކުރުމަށް ނުވެސް ވިސްނަވާ ކަމަށެވެ. އަދި މިހާރު ސިޔާސީ ހަރަކާތްތަކުން ނުފެންނަނީ މިއަދު ރާއްޖޭގެ ސިއްހީ ހާލަތު ހުރި ގޮތުން އެ ދާއިރާ އަށް ވަގުތު ދެއްވަން ކަމަށެވެ.
"އަޅުގަނޑު ސިޔާސީ މައިދާނުން އެއްގޮތަކަށް ވެސް ދުރަށްދިޔައީ އެއް ނޫން ނަމަވެސް މިއަދު ސިޔާސީ މަޝްރަހު އޮތް ގޮތުންނާއި މިއަދުގެ ހާލަތު ހުރި ގޮތުން ރައްޔިތުނަށް ބޭނުންވާ އެއް ދާއިރާއަކީ ސިއްހީ ދާއިރާ އަށް ވުމުން އަދި އެއީ އަޅުގަނޑުގެ ޕުރޮފެޝަނަލް ދާއިރާކަމުން ސިއްހީ ދާއިރާ އިން ހިދުމަތްކުރުމުގެ ގޮތުން އަޅުގަނޑު އެހާ ގިނައިން ނުފެންނަނީ. ނަމަވެސް ސިޔާސީ މައިދާނުން އެއްވެސް ގޮތަކަށް އަޅުގަނޑު ދުރަށް ދިޔައިއްޔެއް ނޫން،"ޑރ. ޑީޑީ ވިދާޅުވި އެވެ.
ޖުމުހޫރީ ޕާޓީ އަށް އިޝާރާތްކުރައްވައި ޑީޑީ ވިދާޅުވީ ކޮންމެ ޕާޓީއެއްގައި ވެސް ހިޔާލު ތަފާތުވުން ހުންނަ ފަދައިން ޖުމްހޫރީ ޕާޓީގެ ތެރޭގައި ވެސް އޭނާއާ ހިޔާލު ތަފާތުވުންތަކެއް އުޅޭ ކަމަށެވެ. އަދި އޭގެ މިސާލެއްގެ ގޮތުން ޑީޑީ ވިދާޅުވީ ސ. ގަން އެއާޕޯޓް ހިންގާ ކުންފުނީގެ ހިއްސާ އަމިއްލަ ބަޔަކަށް ވިއްކާލުމުގެ ކަންތަކުގައި ޖުމްހޫރީ ޕާޓީގެ ސިޔާސަތު އޭނާ އަށް ގަބޫލުނުކުރެވުނު ކަމަށެވެ. އަދި އޭނާއަކީ ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ޕާޓީ ބަދަލުކުރާ ބޭފުޅެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ ގަން އެއާޕޯޓްގެ 30 ޕަސެންޓް ހިއްސާ ކާސާ އަށް ހޯލްޑިންގްސް އަށް ވިއްކާލަން ނިންމުމުން ޖުމްހޫރީ ޕާޓީން ވަނީ އެކަމަށް ނުރުހުން ފާޅުކޮށް ރައީސުލްޖުމްހޫރިއްޔާ އަށް ސިޓީއެއް ފޮނުވައިފަ އެވެ.
އެ މަޝްރޫއުއަކީ މިހާރު އޮތް ރަންވޭ އަށް 350 މީޓަރު އިތުރު ކުރުމާއި ރަންވޭގެ ސާފޭސް ބަދަލު ކުރުމާއި އޭޕްރަންޓް ކޮންކްރީޓް އަޅައި ތަރައްގީ ކުރުމާއި ގްރަންޑް ހޭންޑްލިން، ޓަވާ އިކްވިޕްމަންޓާއި އަދި އެ ނޫން ވެސް ބައިނަލްއަގުވާމީ އެއާޕޯޓެއް އޮޕަރޭޓް ކުރުމަށް ބޭނުންވާ ފެސިލިޓީތައް ގާއިމުކޮށް، އެއާޕޯޓް ތަރައްގީ ކުރުމަށް 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ހަރަދު ވާނެ ކަމަށް އެސްޓިމޭޓްކޮށްފައިވާ މަޝްރޫއުއެއްް ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.
ޑީޑީ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ސިޔާސީ ހަރަކާތްތަކުން މިހާރު ނުފެންނަނީ އެ ޕާޓީން ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކަކީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކެމްޕެއިނަށް ހިންގާ ހަރަކާތްތަކަކަށްވެފައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އެކަމަށް އެދިވަޑައި ނުގަންނަވާތީ ކަމަށެވެ. އަދި މެސެޖުކޮށް ފޯން ކުރުމުން ވެސް ގާސިމްގެ އިބްރާހިމްގެ ހަބަރެއްނުވެ ކޮމިއުނިކޭޝަންގެ މައްސަލަތަކެއް ޖެހިފައިވާ ކަމަށް ޑީޑީ ވިދާޅުވި އެވެ.
ކުރިއަށް އޮތްތަނުގައި ވެސް ފެންނާނީ ޖުމްހޫރީ ޕާޓީންތޯ ތަކުރާރުކޮށް ދެންނެވުމުން ޑީޑީ ވިދާޅޫވީ "އަޅުގަނޑު ވަކި ޖޭޕީއެކޭ.. ދެން އަޅުގަނޑު މިހާރު ހަމަ ގައިމު ވެސް މިހިރީ ޖޭޕީގައި. އެހެންވީމާ އޭރަކު ހުރި ޕާޓީ އަކުގެ ތެރެއިން މަސައްކަތްތައް ކުރާނަން." ޑީޑީ ވިދާޅުވި އެވެ.
ޑރ. ޑީޑީ އަކީ އެމްޑީޕީ އިން އެޕާޓީގެ ތެރޭގައި ބޭއްވި ފޯރިގަދަ އިންތިހާބަކުން އެމްޑީޕީގެ ރައީސްކަން ހޯދާފައިވާ ބޭފުޅެކެވެ. ނަމަވެސް ޑީޑީ ވަނީ އެ ޕާޓީގެ ރައީސް ކަމުން ވަކިކޮށްފަ އެވެ. އޭގެ ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން އެ ޕާޓީގެ ރައީސްކަން ހޯއްދެވުމަށް ފަހު މިހާރު ޑީޑީ އެ ޕާޓީގެ ހަރަކާތްތަކުން ވެސް ނުފެނެ އެވެ.