30 Jan 2013, 16:15
އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ ތާވަލުގެ ފުލުގައި އޮތް ކުއީންސް ޕާކް ރޭންޖާސް (ކިއުޕީއާރު) އާއި ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރު ވުމުގެ ސަބަބުން އެޓީމު ލީގުހޯދުމަށް ކުރާ މަސައްކަތަށް މުހިއްމު ދެޕޮއިންޓު ގެއްލިއްޖެ އެވެ.
ލީގު ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ސިޓީއާއި ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ފުޅާވިޔަ ނުދިނުމަށް ބުރަ މަސައްކަތްތެކެއް ކުރަން ޖެހޭ ކަމަށް ސިޓީގެ ކޯޗު ރޮބާޓޯ މަންޗިނީ ތަކުރާރުކޮށް ބުނަމުން ގެންދިޔަ ނަމަވެސް ލީގު ޗެމްޕިއަންސް އަށް މިވަނީ އަނެއްކާ ވެސް ޔުނައިޓެޑާ ދެމެދު އޮތް ތަފާތު ބޮޑުވުމުގެ ބިރާއި ކުރިމަތިލާން ޖެހިފަ އެވެ.
ޔުނައިޓެޑަށް 56 ޕޮއިންޓު ލިބިފައިވާ އިރު އެއްމެޗު އިތުރަށް ކުޅެގެން ސިޓީ އަށް ލިބިފައި ވަނީ 52 ޕޮއިންޓެވެ. އެހެން ކަމުން މިއަދު އޯލްޑް ޓްރަފޮޑްގައި ޔުނައިޓެޑާއި ސައުތުހެމްޓަން ބައްދަލުކުރާ މެޗު ޔުނައިޓެޑް ކާމިޔާބު ކޮށްފި ނަމަ އެ ދެ ޓީމުގެ ދެމެދުގައިވާ ހަތަރު ޕޮއިންޓުގެ ފަރަގު ހަތް ޕޮއިންޓަށް ފުޅާވެގެން ދާނެ އެވެ.
އަންގާރަ ދުވަހު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ ކުޅުން ވަރުގަދަ ކަމަށްވީ ނަމަވެސް އެ ޓީމަށް ވަނީ ރޭންޖާސްގެ ގޯލަށް ބޯޅައެއް ވައްދާލެވޭގޮތް ނުވެފަ އެވެ. އަދި ދެ ވަނަ ހާފުގައި ސިޓީ އިން ގިނަވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް އެހާފުގައި ކިއުޕީއާރުގެ ކުޅުންފެނިގެން ދިޔައީ ސިޓީއަށް ވުރެ ނުރައްކާޔެރި ކޮށެވެ.
ކިއުޕީއާރުގެ ކޯޗު ހެރީ ރެޑްނެޕް ބުނީ ޓީމުގެ ޕާފޮމެންސާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި ސިޓީ އަކީ ހޯމްގައި ވެސް އަދި އަވޭގައި ވެސް އެހެންޓީމުތައް ބަލިކުރުމަށް ފަހު ޕޮއިންޓު ހޯދަމުން އަންނަ ވަރުގަދަ ޓީމެއް ކަމަށް ވުމުން އެ ޓީމުގެ ކައިރިން އެލިބުނީ ބޯނަސް ޕޮއިންޓެއް ކަމަށެވެ.
އަދި އިތުރަށް އޭނާ ބުނީ އެ މެޗުގެ ނަތީޖާ އިން އެންމެ އުފާވާނީ ފާގަސަން ކަމަށާއި އެހެން ނަމަވެސް ޓައިޓްލްރެސް އަދި ނިމުމަކާއި ކައިރިވެސް ނުވާ ކަމަށެވެ.
ސިޓީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނީ އޭނާގެ ޓީމުން ރަނގަޅަށް ކުޅެ ފުރުސަތުތަކެއް ތަނަވަސް ކުރިކަމަށާއި އެހެން ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ދެޕޮއިންޓު ގެއްލުނީ ކަމަށެވެ. އަދި މަންޗިނީ ވަނީ ކިއުޕީއާރުގެ ގޯލްކީޕަރު ޖޫލިއާ ސެޒާ އެމެޗުގައި ދެއްކި މޮޅުހުނަރަށް ވަރަށްބޮޑަށް އޭނާއަށް ތައުރީފު ކޮށްފަ އެވެ.