އައްޑޫސިޓީގެ ހުޅުމީދޫގައި ދާދިފަހުން އެސްޓީއޯއިން އިމާރާތްކުރި ބިލްޑިންގުގައި މޯލްޑިވްސް ލޯ އިންސްޓިޓިއުޓުގެ ކޯސްތައް މި އަންނަ މާޗް މަހުގެ ކުރީ ކޮޅު ފެށޭނެ ކަމަށް އެ އިންސްޓިޓިއުޓުގެ ރައީސް އަލްއުސްތާޒު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ލޯ އިންސްޓިޓިއުޓުގެ ރައީސް ހުސްނުއްސުއޫދު މިއަދު ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެތަނުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފެބުރުވަރީ މަހުގެ ކުރީކޮޅު ހުޅުވައިލެވޭނެ ކަމަށެވެ. އަދި މާޗްމަހުގައި "ޕްރޮފެޝަނަލް ސެޓްފިކެެޓް އިން ކްރައިމް އިންވިސްޓިގޭޝަން" ކޯސް ފެށޭނެ ކަމަށެވެ. "މިއީ ވެސް ގައުމީ ސަނަދުގެ އޮނިގަނޑަށް ފެތޭ ކޯހެއް، އިރާދަކުރެވިއްޔާ ލޯ ފައުންޑޭޝަން ކޯހާއި ބެޗެލާސް އިން ލޯ (ގާނޫނުގެ ޑިގްރީ) ކޯސް މެއި މަހު ފެށޭނެ، މި ދެ ކޯހަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ފެބުރުވަރީ މަހު ހުޅުވައިލެވޭނެ" ހުސްނުއްސުއޫދު ވިދާޅުވިއެވެ.

ހުސްނުއްސުއޫދު އިތުރަށް ވިދާޅުވި ގޮތުގައި ހުޅުމީދޫގައި ކޯސްތައް ހިންގި ނަމަވެސް އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް މުޅި ރާއްޖެއަށް ވެސް ހުޅުވައިލެވިފައިވާ ކަމަށެވެ.

ހުޅުމީދޫގައި ހުންނަ އެސްޓީއޯގެ އާ އިމާރާތުގައި ހިންގާ ކޯސްތަކާ ބެހޭ ގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިއަދު ވިދާޅުވީ އެ ކޯސްތަކަކީ އެސްޓީއޯ އާއި މޯލްޑިވްސް ލޯ އިންސްޓިޓިއުޓާ ގުޅިގެން ހިންގާ ކޯސްތަކެއް ކަމަށާއި އެކޯސްތައް ހިންގުމުގައި އެސްޓީއޯއިން ޕުރޮވައިޑް ކޮށްދިނުމަށް ހަމަ ޖެހިފައިވަނީ ކޯސްތައް ހިންގާނެ ތަން ކަމަށެވެ. އަދި މި ކަމާ ގުޅޭ އެއްބަސް ވުމުގައި މިހާރު ސޮއި ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހުޅުމީދޫ އަކީ އާބާދީގައި ގާތްގަނޑަކަށް ހަތް ހާސް މީހުން ހިމެނޭ ރަށެކެވެ. އަދި މިއީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ބިމުގެ ގޮތުން ފަސްވަނައަށް އެންމެ ބޮޑު ރަށް ވެސް މެއެވެ.