30 Jan 2013, 15:51
ރައްޔިތުންގެ މަޖިލީހުގެ މުދަލަކަށް ގެއްލުންދިން ކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށް އޭނާ މިއަދު ފުލުސް އޮފީހަށް ހާޒިރު ކޮށްފިއެވެ.
ތަހްގީގަށް ފަހު ބޭރަށް ނުކުމެ ވަޑައިގެން ޝަހީދު ހުސައިން އާދަމް ބިލްޑިންގެ ދޮރު ކުރިމަތީ ހުންނަވައިގެން މީޑިއާ އަށް މައުލޫމާތު ދެއްވަމުން މަހްލޫފް ވިދާޅުވީ އޭނާ މިއަދު ފުލުސް އޮފީހަށް ހާޒިރު ކުރީ ރައީސް ނަޝީދުގެ ވެރިކަމުގައި ރައްޔިޔުންގެ ބޮލުގައި އެޅޭ ގޮތަށް ގަވާއިދާ ޚިލާފަށް 30 މިލިއަށް ޑޮލަރުގެ ލޯނެއް ނެގުމަށް މަޖިލީހުގެ ފްލޯއަށް ހުށަހެޅި ދުވަހެއްގައި އެކަން ހުއްޓުވަން ކުރި މަސައްކަތުގެ ތެރޭގައި ދިމާވި ކަންކަމާ ގުޅިގެން ކަމަށެވެ. އޭނާ ވިދާޅުވީ ހޯލުން ބޭރަށް ގަދަކަމުން އޭނާ ނެރެން މަސައްކަތް ކުރުމުން އެތަނުގައި ހުރި މައިކެއްގައި އަތުން ހިފި ކަމަށާއި ނަމަވެސް އެ މައިކު ބިންދައިގެން ނުދާ ކަމަށެވެ.
"ރައްޔިތުންގެ ބޮލުގައި އެޅޭ ގޮތަށް ރައީސް ނަޝީދުގެ ސަރުކާރުން އަޅުގަނޑު ހަނދާންވަނީ 30 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް މަސައްކަތް ކުރި ދުވަހެއްގައި އެކަން ހުއްޓުވަން ކުރި މަސައްކަތުގައި އަޅުގަނޑު ބޭރަށް ނެރެން އުޅެން ފެށީމަ ހިފިން އެތަނުގައި ހުރި މައިކެއްގައި. އެ މައިކްވެސް ބިންދައިގެނެއް ނުދޭ. ކޮމެޓީގަ ވެސް ވާނުވާ ނޭނގޭ ގޮތަށް މަސައްކަތް ނިންމާފައި އަދި ފްލޯއަށް ގެނެސްގެން ނިންމަން އުޅުނު ދުވަހެއް އެއީ،" މަހްލޫފް ވިދާޅުވިއެވެ.
ދެހާސް ބާރަ ވަނަ އަހަރަށް މަޖިލިސް ހުޅުވުގެ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން ރިޔާސީ ބަޔާން އިއްވަން ވަޑައިގަތް ދެ ދުވަހު މަޖިލީސް ތެރޭގައި ހިނގައިދިޔަ ކަންތައްތަކާ ބެހޭގޮތުން މަހްލޫފް ވިދާޅުވީ އެދުވަހު ހަމަނުޖެހުން ހިންގައި އެތަނުގައި ހުރި މުދަލާއި ތަކެއްޗަށް ބޮޑެތި ގެއްލުން ތަކެއް ދީފައިވާ ކަމަށެވެ. މި ގޮތުން ގެއްލުން ދިން ތަކެތީގެ ތެރޭގައި މައިކް ސިސްޓަމްތަކާއި މޭޒު ތަކާއި އަދި ކޮމްޕިއުޓަރުތައް ވެސް ހިމެނޭ ކަމަށެވެ.
މަހްލޫފް ވިދާޅުވީ އެ މައްސަލަތައް ނުބަލައި ހަމައެކަނި އޭނާގެ މައްސަލަ ހުށަހެޅި ކަމަށް ޓަކައި ހިތާމަ ކުރައްވާ ކަމަށެވެ. އަދި މަޖިލީހުން އެ މައްސަލަ ފުލުސް އޮފީހަށް ނުފޮނުވާނެ ކަމަށް މީގެ ކުރިން ބުނެފައި އެ މައްސަލަ ފޮނުވީ މަޖިލީހުން ކަމަށެވެ.