30 Jan 2013, 15:41
ކޯނީގެ ރިޕޯޓު ދިރާސާ ކުރާން ބޭނުންވާ މައުލޫމާތު ހޯދުމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ދަށުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް ލިބިގެންވާ ބާރެއް ކަމަށް މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސް ޝާހިދު މިހެން ވިދާޅުވެފައި ވަނީ ކޯނީގެ ރިޕޯޓް ދިރާސާ ކުރާ ކޮމެޓީއަށް ސަރުކާރުގެ އިދާރާތަކުން ހާޒިރު ނުވާނެކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަޖިލީހަށް ފޮނުވި ސިޓީގެ ރައްދުގައި މަޖިލީހުން ރައީސް ވަހީދަށް ފޮނުއްވި ސިޓީގަ އެވެ.
އެ ސިޓީގައި ޝާހިދު ވިދާޅުވެފައި ވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ޝާއިއު ކުރަމުން ދާ އެކިއެކި ރިޕޯޓްތައް ދިރާސާ ކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި އެ ކޮމެޓީ އަކީ ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލެވިފައި ވާ ކޮމެޓީއެއް ކަމަށް ވާ އިރު، ކޯނީގެ ރިޕޯޓް ދިރާސާކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ބާރު މަޖިލީހުގެ ގަވައިދުގެ ދަށުން އެ ކޮމެޓީއަށް ލިބިދޭ ކަމަށާއި އެއީ މަޖިލީހުގެ ރައީސް ކަނޑައަޅާ ކަމެއް ނޫންކަމަށް ވެސް އެ ސިޓީގައި ވެއެވެ.
ޝާހިދުގެ ސިޓީގައި ކޯނީގެ ރިޕޯޓް ދިރާސާ ކުރުމަށް ކޮމެޓީއަށް ހާޒިރުވި ބޭފުޅުން ކޮމެޓީއަށް ދިން ބަޔާންތައް މަޖިލީހުގެ ވެބްސައިޓްގައި ހިމަނާފައި ވަނީ އެ ކޮމެޓީން އެގޮތަށް ފާސްކުރުމުން ކަމަށާއި އެއީ މަޖިލީހުގެ ގަވާއިދުން ލިބިގެންވާ ބާރުގެ ދަށުން ކޮށްފައިވާ ކަމެއްކަމަށް ވިދާޅުވެފައި ވެއެވެ.
ގާނޫނު އަސާސީއާ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގައި މަޖިލީހަށާއި މަޖިލީހުގެ ކޮމެޓީތަކަށް މީހުން ހާޒިރުކުރުމުގައި ލިބިދީފައިވާ ބާރު ނިގުޅައިގަނެވޭ ގޮތަށް، ސަރުކާރުގެ އިސް މުވައްޒަފުން މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ނުވުމަށް ރައީސް ވަހީދު ކަނޑައަޅުއްވާފައި ވާތީ އެކަމާ ކަންބޮޑުވާކަމަށް ވެސް މަޖިލީހުގެ ރައީސްގެ ސިޓީގައި ވެއެވެ.
ޝާހިދު މިހެން ވިދާޅުވެފައި ވާ އިރު، މަޖިލީހުގެ ތަޅަމުން ފާސް ނުކުރަނީސް ކޯނީގެ ރިޕޯޓު ދިރާސާ ކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް ލިބިގެންވާ ބާރެއް ނޫންކަމަށް ވިދާޅުވެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ވަނީ މަޖިލީހަށް ސިޓީއެއް ފޮނުވާފަ އެވެ.