ސ. ހިތަދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލަދީ މީހަކު ޒަޚަމްކޮށްލި ކަމުގެ ތުހުމަތުގައި ފަސް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހު ޕީޖީއަށް ފޮނުވި މައްސަލައިގައި ދައުވާ ކުރަނީ ހިތަދުއަށް ނިސްބަތް ވާ ފަސް މީހެއްގެ މައްޗަށް ކަމަށެވެ.

އެ ފަސް މީހުންނަކީ ހިތަދޫ ސަހަރާގެ، މުހައްމަދު ރަޝީދު 22، އާއި އެރަށު ހާލާފަރު، މާލިކު އަހްމަދު ދީދީ 26 އާއި ރެޑިއަމްލައިޓް، މުހައްމަދު ޝިފާޒު 23 އާއި ހުދުމާވަހަރުގެއާގޭ އަހުމަދު ހުސައިން 26ގެ އިތުރުން ހަވާސާ ހަސަން އަންވަރު 22 އަހަރުގެ މައްޗަށެވެ.

އެ ފަސް މީހުންގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލައަކީ، 2012 ޖުލައި ހަ ވަނަ ދުވަހުގެ 5:18 ހާއިރު ހިތަދޫގައި، މީހެއްގެ ގައިގަ ތަޅާ މާރާމާރީ ހިންގާ ތޫނު އެއްޗަކުން ހަމަލަދިން މައްސަލަ އެވެ.

މި މީހުންގެ ތެރޭގައި އައްޑޫސިޓީގައި ހުރި ދައުލަތުގެ އިމާރާތްތަކަށް މިދިޔަ އަހަރު ފެބުރުވަރީ މަހު ގެއްލުން ދީ އެ ތަންތަނުގައި ހުޅު ޖެހި ކަމުގެ ތުހުމަތުގައި ޓެރެރިޒަމްގެ ދައުވާ ދައުލަތުން އުފުލައިފައިވާ މީހުން ވެސް ހިމެނެއެވެ.