06 Oct 2010, 07:40
ދިހަހާސް މީހުންގެ އާބާދީއަކަށް ސީޓީގެ ދަރަޖަ ދޭން ހެޖޭ ގޮތަށް ލާމަރުކަޒީ ބިލަށް ސަރުކާރުން މިއަދު ހުށަހެޅި އިސްލާހަށް ދެކޮޅުހަދާކަމަށް އިދިކޮޅު ޑީއާރުޕީން ބުނެފި އެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލާ ދެކޮޅަށް ވާހަކަދައްކަވްމުން، އިދިކޮޅު މައި ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ، މި އިސްލާހަށް ޑީއާރުޕީން ތާއީދު ނުކުރައްވާ ކަމަށެވެ. އަދި ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަދު 10000 އަށް ތިރި ކުރުމަކީ، އެކަމުގައި ސަރުކާރު ވަކާލާތުކުރާ މަފްހޫމް ހާސިލް ވެދާނެކަމާ މެދު ސުވާލު އުފެދޭކަމެއް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
އަދި އިދާރީގޮތުން ރަށްތައް ގުޅާލުމާ ބެހޭ ގޮތުން ޑީއާރުޕީ އާއި ސަރުކާރާ ދެމެދު ކުރި މަޝްވަރާތަކުގައި ސަރުކާރުން މިހާރު ހުށަޅާފައިވާ އިސްލާހާ މެދު ބަހުސް ކުރެވުނު ކަމަށާއި ނަމަވެސް ޑީއާރުޕީން އޭރު ވެސް އެކަމަށް ތާއީދުކޮށްފައި ނުވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި އެ އަދަދު 10000 މީހުންނަށް ތިރި ކުރުމުން އެކަމުގެ ފައިދާ ލިބޭނީ މަދު ރަށްތަކަކަށް ކަމަށާއި އެއީ އިންސާފު ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިއަދު މި އިސްލާހަށް ޑީއާރުޕީން ތާއީދު ނުކުރުމަކީ މާދަމާ މި އިސްލާހަށް ތާއީދު ނުކުރުން ނޫން ކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ތަރައްގީ އާއި ތަމައްދުނާއި ތަހުޒީބު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފަހު އެކަމަކީ އޭގެ ފައިސަލާގައި އަންނަ އެއްޗެއް ކަމަށާއި އެކަމަކީ ތާކިހާ ބަދަލުކުރުމުން އަންނަ އެއްޗެއްނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ބަޖެޓްގައި ހިމަނައިގެން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރާ ހަވާލުކުރި ސަބްސިޑީތައް މީހުންނަށް ދިނުން، މި އިސްލާހް ހުށަހެޅުމަށް ވުރެ މާ ރަނގަޅުވާނެ ކަމަށާއި އެކަމަށް ބޭނުންވެފައިވާ އެތައް ބަޔަކު އެބަތިބި ކަމަށް ވެސް އަލީވަހީދު ވިދާޅުވި އެވެ.
ސިޓީއެއްގެ ދަރަޖަ ދެވޭނީ 10000 މީހުންނަށް ވުރެ މަދުނޫން އާބާދީއަކަށް ކަމަށް، ލާމަރުކަޒީ ބިލުގައި ހިމަނާފައި ވާތީ، ސިޓީއެއްގެ ދަރަޖަ އަށް ތަރައްގީވާން ބޭނުންވެފައި އަތޮޅުތަކުގެ އެކި ހިސާބުތަކުގައި ތިބި ރައްޔިތުންނަށް އުނދަގޫތަކެއް ކުރިމަތިވެފައިވާކަން ފާހަގަ ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި އިސްލާހް ހުށަހަޅުއްވަމުން، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާމަނިކު ވިދާޅުވީ، މި އިސްލާހު ހުށަހެޅުމުގެ އެންމެ ބޮޑު ބޭނުމަކީ، ސިޓީއެއްގެ ދަރަޖަ ހޯދައި ގަތުމަށް އަތޮޅުތަކުގައި ތިބި ރައްޔިތުން ގިނަ ދުވަސްތަކެއް ވާންދެން އިންތިޒާރުކުރަން ޖެހުން ކަމަށެވެ. އަދި ތަނެއް ތަރައްގީވެ ކުރިއަރައި ދަނީ އާބާދީ ބޮޑުވެގެންނޫން ކަމަށާއި ހަތަރު ރަށެއް ނުވަތަ ދިހަ ރަށެއް އެކުލެވިގެން ވިޔަސް އެބަޔަކު ކަނޑައަޅާ އެއް ރަށަކަށް ސިޓީގެ ދަރަޖަ ދިނުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެސް މޫސަ ވިސާޅުވި އެވެ. އަދި ތަނެއް ތަރައްގީވެ ކުރިއަރައި ދަނީ އެތަނެއްގައި ދިރިއުޅޭ ބައެއްގެ ފިކުރާއި އެބަޔަކަށް އޮތް ވަސީލަތްތަކުގެ މައްޗަށް ބަލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެގޮތަށް ކަންތައްތައް ވުމަށް، ގާނޫނުގައި މިހާރު އޮތް ގޮތް އިސްލާ ކުރަން ޖެހޭތީ މި އިސްލާހް ހުށަހެޅުއްވީ ކަމަށް ވެސް މޫސާ މަނިކު ވިދާޅުވި އެވެ.