އުސްފަސްގަނޑު ސަރަހައްދު މާލޭ ސިޓީ ކައުންސިލުގެ ދަށުން ނެގުމަށް މިހާރު ސަރުކާރުން ކުރާ މަސައްކަތަކީ ލާމަރުކަޒީ ގާނޫނުގައި އޮންނަ އުސޫލުތައް ނައްތާލުމަށް ކުރާ މަސައްކަތްތަކެއް ކަމަށް އެމްޑީޕީން ބުނެފި އެވެ.

ހައި ކޯޓުން ވަކި ގޮތަކަށް ނިންމަންދެން އުސްފަސްގަނޑު ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމަށް ހައި ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް އެމްޑީޕީ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އުސްފަސްގަނޑު އޮންނަ ސަރަހައްދު މާލޭ ސިޓީ ކައުންސިލުގެ ދަށުން ނެގުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ލާމަރުކަޒީކޮށް ރާއްޖެ ހިންގުމަށް މިހާރުގެ ގާނޫނުގައި އޮންނަ އުސޫލުތައް ނައްތާލުމަށާއި ކައުންސިލުތަކުގެ ގާނޫނީ ބާރު ކަނޑުވާލުމަށް ކުރާ ކަމެއް ކަމަށެވެ.

"އުސްފަސްގަނޑު އޮންނަ ބިން ހައުސިން މިނިސްޓްރީއާ ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް، މާލޭ ސިޓީ ކައުންސިލުން ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅައި، އަދި ހައިކޯޓުން އެ މައްސަލަ ހިންގުމަށް ބަލައިގެންފައި ވެސްވާއިރު، އިސްތިއުނާފުގެ މަރުޙަލާތައް ނުނިމެނީސް، އުސްފަސްގަނޑު ސަރަޙައްދުގައި މި ޕާޓީން ސިޔާސީ ޙަރަކާތްތައް ހިންގުމަށް ތައްޔާރުކޮށްފައިވާ ތަންތަން ނައްތާލައި، މި ޕާޓީ އަށް ސިޔާސީ ހަރަކާތް ނުހިންގޭ ގޮތަށް މި ސަރުކާރުން އަމަލުކުރަމުންދާކަން ކަންބޮޑުވުމާ އެކު ފާހަގަކުރަން." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ކުރިން ވެސް ކޯޓު އަމުރެއް ނެތި ފުލުހުން އުސްފަސްގަނޑު ރޫޅާލައި އެތަނުގައި ހުރި އަގުބޮޑު ސާމާނުތައް "ފޭރިގަނެ" އެތައް ބަޔަކަށް އަނިޔާކޮށް ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ކުރިން ރާޅުގަނޑު ސަރަހައްދުގައި ވެސް ފުލުހުންނާ ސިފައިން އަރައި ހަމަ އެގޮތަށް ޖަރީމާ ހިންގާފައިވާ ކަމަށް އެބަޔާނުގައިބުނެފައިވެ އެވެ.

އެމްޑީޕީގެ ސިޔާސީ މައިދާން، އުސްފަސްގަނޑު ނަގާ މައްސަލަގައި އެމްޑީޕީއިން ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު ސިޔާސީ ހަރަކާތް ހިންގުމަށް އެމްޑީޕީ އަށް ދޫކޮށްފައިވާ އުސްފަސްގަނޑުގެ މައްސަލާގައި މާލޭ ސިޓީ ކައުންސިލުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައާ މެދު އެ ކޯޓުން ވަކި ގޮތަކަށް ނިންމަންދެން އެތަން ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި އުސްފަސްގަނޑު ހުސްކުރުމަށް އަންގައި ފުލުހުންގެ އިދާރާ އިން ރޭ ވަނީ އެމްޑީޕީގެ ނޯޓިސް ބޯޑުގައި ނޯޓިސްއެއް ވެސް ހަރުކޮށްފަ އެވެ. އޭގައި ބުނެފައިވާ ގޮތުގައި މިރޭ ދަންވަރު 1:00 އަށް އެސަރަހައްދު ހުސްނުކޮށްފި ނަމަ އޭގެ ފަހުން އެސަރަަހައްދުގައިވާ ތަކެތި ނެގުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުން ޒިންމާ ނުވާނެ އެވެ.