އަތޮޅުތަކަށް ސީޕްލޭންގެ ދަތުރުތައް ފެށުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ވެސް ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނެފި އެވެ.

އަތޮޅުތެރޭ ރަށްރަށަށް ފެށުމަށް ހަމަޖެހިފައިވާ ސީޕްލޭންގެ ހިދުމަތްތައް މެނޭޖުކުރައްވާ ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ސާމީ އަގީލް މިއަދު ވިދާޅުވީ އެ މަސައްކަތްތަށް ކުރިއަށްދާ ކަމަށާއި ދެން އޮތީ އެކަން އިއުލާންކުރުމުން އެކަމަށް ޝައުގުވެރިން ފާޅުކުރި ތިން ފަރާތްތަކުގެ ބިޑްތައް އިވެލިއޭޓް ކުރެވި މަޝްވަރާތަކަށް ފަހު މަސައްކަތްތައް ފެށުން ކަމަށެވެ. އަދި ވިދާޅުވީ މިފަހަރު ކުރިމަތިލާފައިވާ ފަރާތްތަކަކީ ޓީއެމް އާއި އެމްއޭޓީއޭ އާއި ޖޮއިންވެންޗާވެގެންނާއި ދިވެހި ކުންފުންޏަކާއި ބޭރުގެ ކުންފުއްޏެއް ކަމަށެވެ.

"ދެން މިހާރު އޮތް ޕްރޮސީޖާއަކީ ބިޑަށް ހުށައެޅި ފަރާތްތަކުގެ ބިޑް ޕުރޮޕޯސަލްތައް ހުށައެޅި އޭތި އިވެލިއޫޓްކުރެވި އަންޑަސް ޓޭންޑިންއަކަށް އައިސް މަސައްކަތްތައް ފެށުން ދެއްތޯ. ދެން މާގިނަ ދުވަހެއް ނުވާނެ މަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތްފެށޭނެ ކަމަށް ބެލެވެނީ،" ސާމީ އަގީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަތޮޅު ތެރޭގެ ރަށްރަށަށް ސީޕްލޭންގެ ހިދުމަތް ދިނުމަށް ހުށައަލާފައިވާ ފަރާތްތަކުގެ ތެރެއިން އެ މަސައްކަތް އެއް ފަރާތަކަށް ދީގެން ހިންގުމަށް ނުވިސްނަވާ ކަމަށާއި އެ މަސައްކަތް ހަވާލުކުރާނީ ގިނަ ފަރާތްތަކާ އެކި ސަރަހައްދު ދީގެން ނަމަވެސް އެކަން ވާނެގޮތެއްގެ މައްޗަށް ކަމަށެވެ.

"މީގަ އަޅުގަނޑުމެންގެ ވިސްނުން އޮތީ މިކަންކުރެވޭނެ ގޮތަކަށް ކަންތައްކުރުން. އަޅުގަނޑަކަށް ހިޔެއްނުވޭ އެއް ޕާޓީއަކަށް މުޅި ރާއްޖެ ކަވަރުކުރެވޭނެ ހެނެއް. އަނެއްކާ އެއް ޕާޓިއަކުން ޝައުގުވެރިކަން ފާޅުނުކޮށްފާނެ މުޅި ސެކްޓާ އަށް ވެސް. މީގައި ވިސްނުން ހުރީ އެ ޕާޓީ އަކަށް ކުރެވޭނެ ސެކްޓާތަކެއް އެޕާޓީއަކަށް ދިނުން،" ސާމީ އަގީލް ވިދާޅުވި އެވެ.

އަތޮޅުތެރެއަށް ސީޕްލޭންގެ ހިދުމަތް ދިނުމަށް މިދިޔަ އަހަރުގެ ތެރޭގައި ޓްރާންސްޕޯޓް އޮތޯރިޓީ އާއި މޯލްޑިވިއަން އެއާޓެކްސީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެ މަސައްކަތް ފެށޭނެ ކަމަށް ބުނެފައިވީ ނަމަވެސް އެ މަސައްކަތް ނުފެށިފައި ވާތީ އެކަމާ ގުޅިގެން ސާމީ އަގީލް ވިދާޅުވީ އެ މަސައްކަތްތަށް ހުއްޓުމަކަށް އައީ އެ އެއާލައިނުން ސަރުކާރަށް ޑިމާންޑް ކުރި ކަންތަތައްތަކެއްގެ މައްޗަށް އެއްބަސްވުމަކަށް ނާދެވުމުން ކަމަށެވެ. ނަމަވެސް އެއީ ކޮންކަންތައްތަކެއް ކަމެއް ވިދާޅެއްނުވެ އެވެ.

ސީޕްލޭންގެ ދަތުރުތައް ފެށުމުގެ މަސައްކަތްތާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބުދުލްލަތީފް މުހައްމަދު މިއަދު ވިދާޅުވީ އަތޮޅުތެރެ އަށް ސީޕްލޭންގެ ހިދުމަތްތަށް ފެށުމަކީ އެ މިނިސްޓްރީގެ ވަރަށް ބޮޑު އުންމީދެއް ކަމަށާއި އެ ދަތުރުތަކަކީ ވަރަށް މުހިންމު ދަތުރުތަކެއް ކަމަށް ވުމުން އެކަންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ފެށޭ ފެބުރުއަރީ މަހުގެ ފުރަތަމަ ކޮޅުގައި އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާ އެކު މަޝްވަރާކުރެވި ވަރަށް އަވަހަށް އެ ހިދުމަތް ދޭން ފަށާނެ ކަމަށް ވިދާޅުވި އެވެ.

އެނާ ވިދާޅުވީ އެހިދުމަތް ދިނުމަށް ފަށާއިރު ވިސްނުން ހުރީ ކުރިން ނިންމާފައިވާ ފަދައިން ށ. ފުނަދޫ އަށާއި ދ. ކުޑަހުވަދޫ އާއި ރ. އަތޮޅާއި ނ. އޮތޮޅު ތެރެއަށް ދަތުރުތައް ކަމަށެވެ. އަދި އެ ހިދުމަތް މުޅި ރާއްޖެ އަށް ދިނުމަށް ނިންމާފައިވާ އިރު ބޮޑަށް ވިސްނުން ހުރީ އެއާޕޯޓްތަކާ ދުރުގައި ހުންނަ ހިސާބުތަކަށް އެ ހިދުމަތް ދިނުމަށް ކަމަށް އަބުދުލްލަތީފް ވިދާޅުވި އެވެ.