މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާ ކަމަށް ބުނެ، ކަސްޓަމްސްގެ ފައިނޭންސް އެންޑް އެކައުންޓްސް ޑިވިޝަންގެ ޑިރެކްޓަރު އިސްމާއިލް ހަމްދޫންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވައިފި އެވެ.

މި މަހުގެ ދެ ވަނަ ދުވަހު ދައުވާ ކުރަން ޕީޖީ އަށް ފޮނުވި މައްސަލައާ ގުޅޭ ގޮތުން އޭސީސީން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ކަސްޓަމްސް އިން 2009 ވަނަ އަހަރުގެ ޖުލައި މަހު އެއްވެސް އިއުލާނެއް ކުރުމެއް ނެތި 57،000ރ.ގެ ޝީލްޑްތަކެއް ހައްދާފައިވާ ކަމަށް ބުނާ މައްސަލައެއް އެ ކޮމިޝަނުން ތަހުގީގުކޮށްފައިވާ ކަމަށެވެ.

އަދި އެ މައްސަލަ ތަހުގީގުކުރި އިރު، 2009 އަހަރު ކަސްޓަމްސްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި ކަސްޓަމްސްގެ މުވައްޒަފުންގެ ތެރެއިން އެކި ގޮތް ގޮތުން ފާހަގަކުރެވޭ މުވައްޒަފުންނަށް އެވޯޑް ދިނުމަށް ޓަކައި ބޭނުންވާ އެވޯޑްތައް ހެއްދުމަށް، އިއުލާންކުރުމެއް ނެތި ވަކި ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން ހެއްދި އެވޯޑްތަކުގެ ޖުމްލަ އަގު 25،000ރ. އަށް ވުރެ ބޮޑުކަން ލިޔެކިޔުންތަކުން އެނގޭކަމަށް ވެސް އޭސީސީން ބުނެ އެވެ.

މާލިއްޔަތު ގަވާއިދު ބުނާ ގޮތުން ސަރުކާރުގެ އިދާރާއަކުން 25،000ރ. އަށް ވުރެ އަގު ބޮޑު މަސައްކަތެއް ކުރުވާ ނަމަ އެ މަސައްކަތެއް ކުރާނެ ފަރާތެއް ހޯދަން ޖެހެނީ އިއުލާންކޮށްގެންނެވެ.

އޭސީސީން ބުނީ އިއުލާނުކޮށްގެން އަންދާސީ ހިސާބު ހޯދުމަކާ ނުލައި އެވޯޑްތައް ގަނެފައި ވަނީ އެގޮތަށް މަސައްކަތް ނުކުރެވޭނެ ކަމަށް ކަސްޓަމްސްގެ ޓެންޑާ ކޮމެތީން ނިންމާފައި ވަނިކޮށް ކަމަށެވެ. އަދި އެކަން އަންގާފައި ވަނިކޮށް އެވޯޑްތައް ހަދާފައި ވަނީ ކަސްޓަމްސްގެ ފައިނޭންސް އެންޑް އެކައުންޓްސް ޑިވިޝަންގެ ޑިރެކްޓާ ހަމްދޫން ހުއްދަދީގެން ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.