30 Jan 2013, 12:49
ސަރުކާރުގެ ކަރަންޓް ކުންފުނި، ސްޓޭޓް އިލެކްޓިރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ޑރ. ޒައިދު މުހައްމަދު އިސްތިއުފާ ދެއްވައިފި އެވެ.
ސްޓެލްކޯގެ ޗެއާމަން އަހުމަދު ޝަރީފު މިއަދު ވިދާޅުވީ ޒައިދު އިސްތިއުފާ ދެއްވިކަން ހޯމަ ދުވަހު އީމެއިލަކުން އަންގަވާފައިވާ ކަމަށެވެ. އަދި އޭނާގެ މެއިލްގައި އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ، "އާއިލާގެ ވިޔަފާރިއަށް ވަގުތު ދެއްވަން" ބޭނުންފުޅުވާތީ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
ޒައިދު އިސްތިއުފާ ދެއްވި ސަބަބު ހޯދުމަށް އޭނާ އަށް ގުޅި އިރު ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ޒައިދު އިސްތިއުފާ ދެއްވުމުން އޭނާގެ މަގާމު ވަގުތީ ގޮތުން އަދާ ކުރައްވަނީ، ޝަރީފް ވިދާޅުވި ގޮތުގައި، ޑެޕިއުޓީ އެމްޑީ މުހައްމަދު ލަތީފު ކަމަށެވެ.
ޒައިދު ފުރަތަމަ ސްޓެލްކޯއާ ގުޅިވަޑައިގަތީ 2000 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ އެ ކުންފުނީގެ ގިނަ މަގާމުތަކެއް ފުރުއްވައިފަ އެވެ.