30 Jan 2013, 12:43
ސިޔާސީ ހަރަކާތް ހިންގުމަށް އެމްޑީޕީ އަށް ދޫކޮށްފައިވާ އުސްފަސްގަނޑުގެ މައްސަލާގައި މާލޭ ސިޓީ ކައުންސިލުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައާ މެދު އެ ކޯޓުން ވަކި ގޮތަކަށް ނިންމަންދެން އެތަން ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމަށް އެ ކޯޓުން އަމުރެއް ނެރެފި އެވެ.
ހުސްފަސްގަނޑު ހުސްކުރުމަށް ފުލުހުން އެމްޑީޕީއަށް ދީފައިވާ 24 ގަޑިއިރުގެ މުހުލަތު މިރޭ ދަންވަރު އެކެއް ޖެހުމާ ހަމައަށް ހަމަވާނެ އެވެ.
ހައިކޯޓުގެ އަމުރުގައި މާލޭ ސިޓީ ކައުންސިލުން އިސްތިއުނާފުކޮށްފައިވާ އުސްފަސްގަނޑު މައްސަލާގައި އެކޯޓުން ވަކި ގޮތަކަށް ނިންމަންދެއް އެސަރަހައްދު އެއްްވެސް ބަޔަކަށް ދޫނުކުރުމަށާއި އަދި އެއްވެސް ބަޔަކު އެ ސަރަހައްދު ބޭނުން ނުކުރުމަށް ވަނީ އަންގާފަ އެވެ. އަދި އެ ސަރަހައްދު އެއްވެސް ބަޔަކަށް ބޭނުން ނުކުރެވޭނެ ގޮތަށް މޯލްޑިވްސް ޕޮލިސް ސާވިސަސްގެ ބެލުމުގެ ދަށުގައި ބޭއްވުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.
އުސްފަަސްގަނޑު ހުސްކުރުމަށް އަންގައި ފުލުހުންގެ އިދާރާއިން ރޭ ވަނީ އެމްޑީޕީގެ ނޯޓިސް ބޯޑުގައި ނޯޓިސްއެއް ވެސް ހަރުކޮށްފަ އެވެ. އޭގައި ބުނެފައިވާ ގޮތުގައި މިރޭ ދަންވަރު 1:00 އަށް އެސަރަހައްދު ހުސްނުކޮށްފިނަމަ އޭގެ ފަހުން އެސަރަަހައްދުގައިވާ ތަކެތި ނެގުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުން ޒިންމާ ނުވާނެ އެވެ.