30 Jan 2013, 12:14
ބާރު ސްޕީޑްގައި ދުއްވައިފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ކުރުމަށް ފުލުހަކު މުގުރު ބޭނުން ކުރުމުން ސައިކަލް ކޮންޓްރޯލުން ނެއްޓި ހިނގި އެކްސިޑެންޓްގައި މަރުވި ސ. ހިތަދޫ ރަތްފުސްގޭ އަބްދުﷲ ގާސިމް 43،ގެ މަރާ ގުޅިގެން ފުލުހުންގެ އިހުމާލެއް ވޭ ތޯ ބެލުމަށް ގާސިމްގެ އާއިލާއިން ޕޮލިސް އިންޓަގްރިޓީ ކޮމިޝަން ( ޕީއައިސީ)އަށް ހުށަހެޅި މައްސަލަ ބަލައި ނިމިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ޕީއައިސީގެ ރައީސް ޑރ. އަބްދުﷲ ވަހީދު މިއަދު ވިދާޅުވީ ގާސިމްގެ މަރުގެ ހާދިސާގައި ފުލުހުންގެ އިހުމާލެއް ވޭ ތޯ ބެލުމަށް ހުށަހެޅި މައްސަލަ ބަލައި ނިމި، ފޮނުވާން ޖެހޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ ހަތަރު މަސް ދުވަސް ކުރިން ގާސިމްގެ އާއިލާއިން ހުށަހެޅި މައްސަލައިގެ ރިޕޯޓް މާދަމާ ނެރޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާސިމްގެ މަރުގެ ހާދިސާއާ ގުޅިގެން ފުލުހުންގެ އިހުމާލެއް ވޭ ތޯ "ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީން" ބަލަމުން ދާ އިރު، ގާސިމްގެ އާއިލާއިން އިއްްޔެ އެ ކޮމެޓީގައި ބުނެފައިވަނީ ޕީއައިސީއަށް ހުށަހެޅި މައްސަލަ ނިމުނުކަން ވެސް އަދި ނުނިމޭކަން ވެސް އެނގިފައި ނުވާ ކަމަށެވެ.
"އެ މައްސަލަ ހުށަހެޅި ފަހުން ހަތަރު މަސް ވީމި. އަދި އެކޮމިޝަނުން ނުގުޅާ އެންމެ ފަހަރަކުވެސް،" ގާސިމްގެ ހުވަފަތް އަނބިމީހާ ނަސީމާ ހަލީލް ބުންޏެވެ.
އިއްޔެ ބޭއްވިި ކޮމެޓީ ބައްދަލުވުމުގައި ގާސިމްގެ ދޮށީ ދަރިފުޅު މުހައްމަދު ގައިސް އާއި ނަސީމާ ހާޒިރުކޮށް ސުވާލު ކުރުމުން އެމީހުން ބުނެފައި ވަނީ އެ ހާދިސާއަށް ފަހު ފުލުހުންގެ ފަރާތުން އެކަށީގެންވާ ވަރުގެ އެހީތެރި ކަމެއް ލިބިފައި ނުވާ ކަމަށާއި އެ ހާދިސާގެ ތަހުގީގު މައުލޫމާތު ވެސް އެދެވޭ ގޮތެއްގައި ފޯރު ކޮށް ދެމުން ނުދާ ކަމަށެވެ.