ސައުތު އެފްރިކާގައި ކުރިއަށްދާ އެފްރިކާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޒެމްބިއާ ދެވަނަ ބުރަށް ނުގޮސް ކަޓައިފި އެވެ.

ގްރޫޕްސީގެ ފަހު މެޗުގައި ބުރުކިނާ ފާސޯއާއި ވާދަކޮށް ލަނޑެއް ކާމިޔާބު ނުކުރެވި މެޗު އެއްވަރުވުމުގެ ސަބަބުން ޒެމްބިއާ ވަނީ ވޭތުވެ ދިޔަ 21 އަހަރު ދުވަހުގެ ތެރޭގައި އެ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ކެޓި ފުރަތަމަ ޑިފެންޑިން ޗެމްޕިއަން އަށް ވެފަ އެވެ.

އަދި އިއްޔެގެ މެޗުގެ ނަތީޖާ ވެގެން ގޮސްފައި ވަނީ ބުރުކިނާ ފާސޯގެ 15 އަހަރަށް ފަހު ގްރޫޕް ސްޓޭޖު ކަޑައްތުކުރި ފުރަތަމަ ފަހަރަށެވެ. އެ ޓީމު އެންމެ ފަހުން އެމުބާރާތިގެ ދެވަނަ ބުރަށް ގޮސްފައި ވަނީ 1998 ވަނަ އަހަރު އެގައުމުގައި މުބާރާތް ބޭއްވި އަހަރު އެވެ.

މުބާރާތުން ކެޓުމާ ގުޅިގެން ޒެމްބިއާ އަށް 2012 ވަނަ އަހަރު ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްދިން ޓީމުގެ ހެޑްކޯޗު ފްރާންސްގެ ހާވް ރެނާޑް، 44، ބުނީ ޓީމު މުބާރާތުން ބޭރުވުމުގެ ހުރިހާ ޒިންމާއެއް އޭނާ ނަގާ ކަމަށެވެ.

"މިރޭ އަހަރެންގެ ޓީމާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހުނު. މުބާރާތުން ބޭރުވުމުން އެކަމުގެ ޒިންމާ މީހަކު ނަގަން ޖެހޭނަމަ އެއީ އަހަރެން. އަހަރެންގެ ކުޅުންތެރިންގެ އެއްވެސް މައްސަލައެއް ނެތް،" ރެނާޑް ބުންޏެވެ.

ރެނާޑު އިތުރަށް ބުނީ އޭނާގެ ޓީމު ކިތަންމެ ރަނގަޅަށް ކުޅުނު ކަމުގައި ވިޔަސް އަށް ޑިފެންޑަރުންނާ ދެކޮޅަށް ކުޅެ މޮޅުވުމަކީ ނާދިރު ކަމެއް ކަމަށެވެ. ޓީމުގެ ހުރިހައި ކުޅުންތެރިންވެސް މޮޅަށް ކުޅެ މެޗުން މޮޅުވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށެވެ.

ބުރްކިނާ ފާސޯގެ ކޯޗް ޕައުލް ޕުޓް ބުނީ އޭނާގެ ޓީމު ޒެމްބިއާގެ މައްޗަށް ހޯދި ކާމިޔާބުގެ ސިއްރަކީ މިޑްފީލްޑް ތެރެއިން ބޯޅަ މަޑު ޖައްސާލައިގެން އިދިކޮޅު ޓީމަށް ގޭމްގެ ސްޕީޑް ނެގިޔަ ނުދީ ހިފެހެއްޓުން ކަމަށެވެ.
"މިއަދުގެ މެޗުގައި ބޭނުންކުރި އިންގްރީޑިއެންޓަކީ ސުރުވާގެ ތެރެއަށް ލޮނަށްވުރެ ގިނައިން އަސޭމިރުން އެޅުން،" މެޗުގައި ބޭނުންކުރި ޓެކްޓިކްސް ކިޔައިދެމުން ބުރްކިނާ ފާސޯގެ ކޯޗު ބުންޏެވެ.

ގުރޫޕް ސީ އިން ބުރްކިނާ ފާސޯއާއި އެކު ދެވަނަ ބުރަށް ދިޔައީ ނައިޖީރިއާ އެވެ. އަދި ގުރޫޕް އޭއިން ސައުތު އެފްރިކާއާއި ކޭޕްވާޑޭ ކުއާޓާއަށް ގޮސްފައި ވާއިރު ގުރޫޕް ބީއިން ކުއާޓާ ކަށަވަރު ކުރީ ގާނާ އާއި މާލީ އެވެ. ގުރޫޕް ޑީ އިން އައިވަރީކޯސްޓް ދެވަނަ ބުރަށް ގޮސްފައިވާ އިރު އެގުރޫޕުން ދެވަނަ ޓީމެއްގެ ގޮތުގައި ދެވަނަ ބުރަށް ދާނީ މިއަދު ޓިއުނީޝިއާ އާއި ޓޯގޯ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ.