ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާއާ ގުޅިގެން ނޫސްވެރިކަމުގެ މިނިވަން ކަމުގައި ރާއްޖެ 30 ދަަރަޖަ ދަށަށް ފަހަތަށް ގޮސްފައިވާ ކަމަށް ރިޕޯޓާސް ވިތައުޓް ބޯޑާސްގެ ޕްރެސް ފްރީޑަމް އިންޑެކްސް ދައްކައިފި އެވެ.

އެ އިންޑެކްސް ރިޕޯޓް ދައްކާ ގޮތުން މި އަހަރު ރާއްޖެ އޮތީ އެ ލިސްޓުގެ 103 ވަނައިގަ އެވެ. އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި އެކަމުގެ ސަބަބަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ރައީސް ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ބަދަލުކުރުމަށް ފަހު ހިނގައި ދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި ދައުލަތުގެ ޓީވީ ސްޓޭޝަނާއި ބައެއް އަމިއްލަ މީޑިއާތަކުގައި ރައީސް ނަޝީދަށް ތާއީދުކުރާ ނޫސްވެރިންނަށް ބިރުދައްކާ ހަމަލާދިނުން ކަމަށެވެ.

ރާއްޖޭގައި އޮތް ނޫސްވެރިކަމުގެ މިނިވަންކަން ދަަށަށް ދާން ފަށައިފައި ވަނީ އެ ހާދިސާއަށް ފަހު ކަމަށް ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ބުންޏެވެ. ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު ދެން ވެރިކަމަށް އައި ސަރުކާރާ ދެކޮޅަށް ބޭއްވި ބައެއް މުޒާހަރާތަކުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްތައް ކުރިމަތިވި ކަމަށް އެ އިންޑެކްސް އިން ދައްކަ އެވެ.