އިންޑިޔާގެ ޖީއެމްއާރު ކުންފުންޏާ މާލޭ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ތަރައްގީކޮށް ހިންގަން ހަވާލުކޮށް، އެއާޕޯޓް ބޭނުންކުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 25 ޑޮލަރު ނެގުމަށް ނިންމާފައިވާތީ އެކަމާ ދެކޮޅަށް އިދިކޮޅު އިއްތިހާދު ގުޅިގެން ހުށަހެޅި މައްސަލަ އަދި މަދަނީ ކޯޓަށް ބަލައިގަނެ ހިންގެން ނެތް ކަމަށް އެ ކޯޓުން އިދިކޮޅު އިއްތިހާދަށް ޖަވާބު ދީފި އެވެ.


ކޯޓު އަމުރަކަށް އެދި މައްސަލަ ހުށަހެޅުމުން މަދަނީ ކޯޓުން ދިރާސާ ކުރުމަށްފަހު ދައުވާ ކުރާ އިދިކޮޅު އިއްތިހާދަށް ދިން ޖަވާބުގައި ބުނަނީ އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން 25 އެމެރިކާ ޑޮލަރާއި އިތުރު ދެ ޑޮލަރުގެ ޗާޖެއް ނެގުމަށް ނިންމައި އެކަންތަންފީޒު ކުރުމުގެ ގޮތުން  ދިވެހި ރައްޔިތުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގަކަށް ގެއްލުމެއް ނުވަތަ އުނިކަމެއް ލިބޭ ގޮތަށް ދިވެހި ސަރުކާރުން މިހާތަނަށް ކޮށްފައިވާ ކަމެއް ބަޔާންކޮށްފައި ނުވާތީ މި މައްސަލަ ހުށަހަޅާފައިވާ ގޮތަށް ބަލައިގެނެ ހިންގެން ނެތީ ކަމަށެވެ.


އިދިކޮޅު އިއްތިހާދަށް މަދަނީ ކޯޓުގައި ދައުވާކޮށްފައި ވަނީ ގާނޫނު އަސާސީގެ 97 ވަނަ މާއްދާގައި ބުނާފަދަ ގާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސް ނުކުރަނީސް އެ މާއްދާގައި ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް މާލޭ އިންޓަނޭޝަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން 25 އެމެރިކާ ޑޮލަރާއި އިތުރު ދެ ޑޮލަރުގެ ޗާޖެއް ނަގަން ނިންމައި އެކަން ތަންފީޒު ކުރުމުގެ ކަންތައްތައް ހަލުވި ކަމާއެކު ކުރިޔަށްދާ ކަމަށާއި އެއީ ގާނޫނު އަސާސީ އާއި ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ އުސޫލުތަކާ ހަމަތައް ބަލިކޮށް އެ ގާނޫނު އަސާސީން ދިވެހި އެންމެހާ ރައްޔިތުންނަށް ލިބިދެވެންޖެހޭ ހައްގުތަކާއި ފޮނި މީރުކަމުން ދިވެހި ރައްޔިތުން މަހުރޫމް ކުރުން ކަމަށް ބެލެވޭތީ ދިވެހި ސަރުކާރުގެ އެ އަމަލު ވަގުތުން ހުއްޓާލުމުގެ އަމުރެއް ނެރެ ދިނުމަށެވެ.