ދަރަންޏަށް ފައިސާ ނަގައިގެން ފުލެޓް އެޅުމުގެ ބަދަލުގައި ރާއްޖޭގެ ފަޅު ރަށްތަކުގެ ތެރެއިން 10 ރަށް ރިސޯޓް ހަދަން ދިނުމުން، ބަދަލުގެ ގޮތުގައި 12،000 ފުލެޓް މާލެ ސަރަހައްދުގައި އެޅޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ "ވައުދުގެ ހިނގުން" ސިލްސިލާގެ ބައްދަލުވުންތަކުގެ ތެރެއިން ރޭ ވިލިމާލޭ އެމްޑީޕީ ހަރުގޭ ކުރިމަތީގައި ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދަރަންޏަށް ފައިސާ ނަގައިގެން ފުލެޓް އެޅަން ވިސްނައިފި ނަމަ "30 އަހަރަށް މަޑުކުރަން" ޖެހިދާނެ ކަމަށެވެ. ދަރަނިން ފްލެޓް އެޅުމުގެ ބަދަލުގައި ރާއްޖޭގައި ހުރި ފަޅުރަށްތައް ރިސޯޓް ހަދަން ދީގެން ބަދަލުގެ ގޮތުގައި ފްލެޓް ވެސް އަދި ބްރިޖު ވެސް އެޅޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"މާލޭގެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޭނުންވެފައި މިވާ 12000 ބޯހިޔާވަހިކަން އަޅުގަނޑުމެންނަށް ހޯދައިދެވޭނެ. އެކަން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ކުރެވޭނެ. އެކަން ކުރުމަށް ހަމައެކަނި ދޭން މިޖެހެނީ ރިސޯޓް ހެދުމަށް ރާއްޖޭގައި ހުރި ފަޅުރަށްތަކުގެ ތެރެއިން 10 ރަށް. ރިސޯޓު ވެސް ތަރައްގީވާނެ ފްލެޓް ވެސް އެޅޭނެ އަދި ބްލިޖު ވެސް އެޅޭނެ. އެހެންނަމަވެސް ދަރަންޏަށް ފައިސާ ނަގައިގެން އެކަން ކުރައްވަންޏާ އަނެއްކާ ވެސް 30 އަހަރަށް މަޑުކުރައްވާ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ެ
ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ގޯސްވުމުން ދަތިތަކާ މިހާރު ވެސް ކުރިމަތިލާންޖެހިފައިވާ ކަމަށާއި އެގޮތުން މުދަލުގެ ބާވަތްތަކާއި ކާބޯތަކެތީގެ ބާވަތްތައް ރާއްޖެ އަށް އެތެރެ ކުރުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާގެ ގުޅުން ރަނގަޅު ނުކޮށްފި ނަމަ ރާއްޖެއަކަށް ސަލާމަތެއް ނެތް ކަމަށެވެ.


ވިލިމާލޭގައި ރޭ ބޭއްވި ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ވިލިމާލެ އިން އެމްޑީޕީ އަށް ސޮއިކޮށްފައިވާ 60 މީހުންނަށް ވުރެ ގިނަ ފޯމް ވަނީ ރައީސް ނަޝީދުގެ އަތްޕުޅަށް އަރުވައިފަ އެވެ.