ރާއްޖޭގައި ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ހިލޭ ގާއިމްކުރުމަށް އެއްވެސް ގައުމަކުން ހުށަހަޅައިފައި ނުވާ ކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ކުރީގެ ސަރުކާރުން މެލޭޝިޔާގެ ނެކްސްބިޒަށް 22 އަހަރު ދުވަހަށް ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަޝްރޫ ދީފައިވުމުން އެ މައްސަލައިގައި ބޯޑާކޮންޓްރޯލް ސިސްޓަމަކީ އިންޑިއާ އާއި އެމެރިކާ އިން ހިލޭދޭން އެއްބަސްވި ސިސްޓަމެއްކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މީގެ ކުރިން ބުނެފައިވަނިކޮށް ވީޓީވީން ގެނެސްދޭ ފަސްމަންޒަރު ޕޮރުގުރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން ކޮންޓްރޯލާ ޑރ. މުހައްމަދު އަލީ ވިދާޅުވީ އެފަދަ ސިސްޓަމެއް ގައުމަކުން ހިލޭ ކޮށްދޭން ބުނެފައިވޭތޯ ބެލުމަށް މިދިޔަ ހަފްތާގެ ތެރޭގައި ފޮރިން މިނިސްޓްރީން މައުލޫމާތު ސާފުކުރުމުން އެފަދަ ސިސްޓަމެއް އެއްވެސް ގައުމަކުން ހިލޭ ދޭން ބުނެފައި ނުވާކަން އެނގިފައިވާ ކަމަށެވެ.

"ހިލޭ އެއްވެސް ގައުމަކުން ސިސްޓަމެއް ހުށަހަޅާފައެއް ނެތް، އަޅުގަނޑު ކުރީހަފްތާގައި އޮންނާނީ ފޮރިން މިނިސްޓްރީއަށް ލިޔެގެން ކުރީ ހަފްތާގައި ސިޓީއެއް ހޯދާފަ، އެބޭފުޅުން ވިދާޅުވަނީ މިހާތަނަށް އެއްވެސް ގައުމަކުން ހުށަހަޅާފައެއްނުވެޔޭ އިނގޭތޯ" ކޮންޓްރޯލާ ވިދާޅުވިއެވެ.

ކޮންޓްރޯލާ ވިދާޅުވީ ނެކްސްބިޒްގެ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މައްސަލައިގައި މީޑިއާތަކުގައި ތަފާތު މީހުންގެ ފަރާތުން ދޮގު މައުލޫމާތުތަކެއް ފޯރުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ވެސް ބޭނުން ކުރެވެނީ 2003 ވަނަ އަހަރު 2.3 މިލިއަން ޑޮލަރަށް ގާއިމްކޮށްފައިވާ ޕާސްޕޯޓް ރީޑްކުރާ މެޝިންތަކެއް ކަމަށާއި އެ މެޝިންތަކުން ގިނަ ސޮފްޓްވެއާތަކެއް ރީޑް ނުކުރާ ކަމަށެވެ. އެހެންކަމުން މިހާރު އެޕުރޮޖެކްޓް ހަވާލުކޮށްފައިވާ ނެކްސްބިޒްއަށް އެމަސައްކަތް ހަވާލުކުރެވިފައިވަނީ ކުރީގެ ސަރުކާރުން ރަނގަޅު ސިސްޓަމެއް ގާއިމްކުރުމަށް ނިންމައި، އެކަމަށް ބިޑްކޮށް ނެކްސްބިޒުން އެ ބިޑު ކާމިޔާބު ކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޯޑާ ކޮންޓްރޯލްގެ މާނައަކީ އެތެރެވާ ބިދޭސީ މީހާ ނުވަތަ ޓޫރިސްޓް މީހާ އެތެރެވުމަށް ފަހުގައި އޭނާ ދާތަނަކާއި އޭނާ އުޅޭގޮތަކާއި އެއްހޮޓަލުން ޗެކްއައުޓްކޮށްފަ އަނެއް ހޮޓަލަށް ޗެކް-އިން ކުރާއިރު އެނގުމާއި، އޭނާ އެތާކު މިވެނި ދުވަހަކު ހުރިކަމާއި ހުރިހާކަމެއް މީރާއަށް އެނގުމާއި އޭނާގެ އަތުން ނަގަންޖެހޭ ޓެކްސްއެއް އެމީހާގެ އަތުން ނެގުން، އަދި މަސައްކަތްކުރާ މީހާ އޭނާއަކީ ކާކު ގެނެސްގެންތޯ އޭނާ ހުރީ ކޮންސައިޓެއްގަތޯ އެހުރިހާ އެއްޗެއް އެނގެންޖެހޭ" ކޮންޓްރޯލާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ތަފާތު އެކިއެކި ނުރައްކާތެރި ބޭނުންތަކަށް މީހުން ރާއްޖެއަށް އައިސް މަސައްކަތްކުރާއިރު ރާއްޖެ އަންނަ މީހުން އުޅޭގޮތް ރަނގަޅު ބޯޑާ ކޮންޓުރޯލް ސިސްޓަމެއް ގާއިމްކޮށްގެން ބަލަންޖެހޭ ކަމަށެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މަސައްކަތަށް އަލިއަޅުވާލާ ކޮންޓްރޯލާ ވިދާޅުވީ ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެ އައިސް ދިވެހިންނާ ކައިވެނިކުރުމާއި އެފަދަ ބައެއް ކަންތައްތަކުގެ ސަބަބުން ރާއްޖެއަށް ނުރައްކާވެފައިވާ ކަމަށެވެ. އަދި ގަވައިދާ ހިލާފަށް ގިނަ ބިދޭސީންތަކެއް ރާއްޖޭގައި މަސައްކަތްކުރާތީ އެމީހުން ފޮނުވާލުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބޯޑާ ކޮންޓްރޯލް ސިސްޓަމަކީ ވަކިގޮތެއް ނުނިންމި ގިނަ ދުވަސްތަކެއްވެފައިވާ މައްސަލައަކަށް ވާ އިރު ޒަމާނީ ބޯޑާ ކޮންޓްރޯލް ނިޒާމެއް ގާއިމްކުރުމަށް 2010 ވަނަ އަހަރު މެލޭޝިޔާގެ ނެކްސް ބިޒާ އެކުވި އެއްބަސްވުމުގެ ސަބަބުން ދައުލަތަށް މާލީ އަދި އިގްތިސޯދީ ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭތީ އެ ޕްރޮޖެކްޓް ވަގުތުން ހުއްޓާލުމަށް ސަރުކާރަށް އެންގުމަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމި ނިންމުން 74 މެންބަރުންގެ އިއްތިފާގުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސްކުރުމުން ސަރުކާރުން މިހާރު ނިންމައިފައިވަނީ އެ ނިންމުމާ އެއްގޮތަށް އަމަލުކުރުމަށެވެ.

ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް ހުއްޓާލުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި ކޮމެޓީ ރިޕޯޓްގައި ބުނެފައި ވަނީ އެ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި 166 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ނެކްސްބިޒްއަށް ދައްކަން ޖެހޭ ކަމަށާއި ނަމަވެސް އެ މަޝްރޫގެ ދަށުން ސަރުކާރަށް ލިބެނީ އެންމެ އަށް މިލިއަން ޑޮލަރު ކަމަށެވެ. އަދި ބުނެފައި ވަނީ ބޯޑާ ކޮންޓްރޯލް މަޝްރޫގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ގޮތަށް ބަލާ އިރު އެއްބަސްވުމުގައި ސޮއި ކުރި އިރު، އޭރުގެ ބަންޑާރަ ނައިބުގެ އިހުމާލު އޭގައި ވަރަށް ބޮޑަށް އޮތް ކަމަށް ކޮމެޓީގެ ރިޕޯޓަށް ފާހަގަވެފައިވާ ކަމަށެވެ.