30 Jan 2013, 10:51
މި އަހަރަކީ ރިޔާސީ އިންތިހާބުގެ އަހަރަށް ވުމާ އެކު ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް ވަނީ އިންތިހާބު ކާމިޔާބު ކުރުމަށް ކެމްޕޭން ހަރަކާތްތައް މެކުހަށް ޖަހައިފަ އެވެ. ސިޔާސީ ވެރިންނާއި ސަޕޯޓަރުން ވަނީ އެމީހުންގެ ބިޒީ ވަގުތުތައް ވެސް ސިޔާސީ ޖަލްސާތަކަށް ހުސްކުރަން ފަށައިފަ އެވެ. މި ހަލަބޮލި ކަމުގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި އޭނާގެ ޓީމް ވެސް ގެންދަނީ ކެމްޕޭން ޖަލްސާތައް ބާއްވަމުންނެވެ. އެހެން ނަމަވެސް ޖުމްހޫރީ ޕާޓީގެ މި ފޯރިގަނޑު ތެރެއިން އެ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ފެންނަމުން ނުދާކަން ފާހަގަ ކުރެވޭ ހެއްޔެވެ؟
ގާސިމް އިބްރާހިމަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމުގައި ޕާޓީގެ ލީޑާޝިޕުގައި އެންމެ އިސްކޮށް ފެންނަން ޖެހޭނެ އެކަކީ ޑރ. ޑީޑީ ކަމުގައި ވިއަސް އޭނާ ޕާޓީގެ އޮފީހަށް ނުވަންނަތާ ވެސް ވަނީ އެތައް ދުވަހެއް ވެފަ އެވެ.
ސިޔާސީ ވެށިން އެކަހެރި ވެވަޑައިގެން ޑީޑީ އެނބުރި ކުލިނިކަށް ވަޑައިގެންފައިވާ ކަމަށް ބުނެވިދާނެ އެތައް ކޮޅުތަކެއް ފެންނާން އެބަ ހުއްޓެވެ. އެހެން ނަމަވެސް ނޭނގޭ ކަމަކީ ސިޔާސީ ހަލަބޮލިކަމުން ޑީޑީ ދުރުވެވަޑައިގަތީ ކީއްވެ ކަމެވެ.
ޑރ. ޑީޑީ އަކީ ވާދަވެރި އިންތިހާބަކުން އެމްޑީޕީގެ ރައީސް ކަމަށް ހޮވިވަޑައިގަތް ބޭފުޅެކެވެ. އެހެން ނަމަވެސް ޕާޓީ ތެރޭގައި ހުރި ބައެއް ކަންކަމާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވާން ޑީޑީ ފެއްޓެވުމާ އެކު އޭނާ ވަނީ ޕާޓީގެ ރައީސް ކަމުން ދުރުކޮށްފަ އެވެ. ރައީސް ނަޝީދުގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ކަން ކުރައްވާފައިވާ ޑރ. ޑީޑީ އެމްޑީޕީން ވަކިވެވަޑައިގަތީ ބޮޑު މާޔޫސްކަމެއްގެ ތެރޭގައި ކަމަށް ވިއަސް ޖޭޕީ ތެރެއިން ފެނުނީ އާ އުއްމީދުތަކާ އެކު ހަރަކާތްތެރިވާން ޑީޑީ ފެއްޓެވި ތަނެވެ.
ޖޭޕީއާ މެދު ކުރެއްވި ފޮނި އުންމީދުތަކުގެ ވާހަކަ މީޑިއާއާ ހިއްސާ ކުރައްވަމުން ވަޑައިގަތް ތަން ވަނީ ފެނިގެން ގޮސްފަ އެވެ. ނަމަވެސް ފަހުން އިވުނީ ކުނި ޖެހި އެ ޕާޓީ ތެރޭގައި ވެސް މައްސަލަތައް ޖެހެން ފެށި ވާހަކަ އެވެ. ޖޭޕީ ތެރޭގައި މައްސަލަތައް ޖެހުމަކީ ޑީޑީ ސިޔާސީ ދާއިރާއާ ފެޔަށް ޖެހިވަޑައިގަތް ސަބަބެކޭ މުޅިއަކުން ނުދެންނެވޭނެ އެވެ.
ނަމަވެސް ސަރުކާރުގެ ވަޒީރުކަމަށް ޖޭޕީގެ ފަރާތުން ޑީޑީ އައްޔަން ކުރަން ބަޔަކު މީހުން ކުރި މަސައްކަތް ނާކާމިޔާބުވި ކަން ހަނދާނަށް ގެންނާން ޖެހެ އެވެ. އެ ގޮތުން ހެލްތު މިނިސްޓަރު ކަމަށް ޑރ. އަހްމަދު ޖަމްޝީދުގެ ބަދަލުގައި ޑރ. ޑީޑީ އައްޔަން ކުރަން ވެސް ބަޔަކު މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް ޕާޓީ ކައުންސިލުގެ އަޣުލަބިއްޔަތު ނުލިބުމުން އެކަން ވާ ގޮތް ވަނީ ނުވެފަ އެވެ.
އޭގެ ފަހުގައި ޓްރާންސްޕޯޓް މިނިސްޓަރު ކަމުގެ މަގާމު ހުސްވެގެން އެ މަގަމާމަށް ބޭފުޅަކު އައްޔަން ކުރަން ޖޭޕީގެ ފަރާތުން ނަމެއް ހުށަހަޅާން ލިބުނު ފުރުސަތުގައި ޑރ. ޑީޑީގެ ނަން ކައުންސިލް ތެރޭގައި ވަނީ ފެއިލު ވެގެން ގޮސްފަ އެވެ. އަދި އެ މަގާމަށް އެ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހިމް އައްޔަން ކުރަން ސަރުކާރަށް ނަން ފޮނުވުމުން ޑީޑީ މާޔޫސްވެވަޑައިގެންނެވިކަން އޭނާ އަރިހުގައި އުޅުއްވި ބައެއް ބޭފުޅުން ވިދާޅުވެ އެވެ. އެކަން ގަބޫލު ވެސް ކުރެވެ އެވެ.
ޖޭޕީއަށް ޑރ. ޑީޑީ ވަޑައިގަތީ ވެސް ވަޒީރުކަން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެ ޕާޓީގެ ބައެއް ބޭފުޅުން ދެއްވުމުން ކަމަށް ވިދާޅުވެ ބައެއް ބޭފުޅުން ވާހަކަ ދެއްކެވި އަޑު ވަނީ އިވިފަ އެވެ. އަދި ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހްމަދު ޝަމްހީދު ވަކި ކުރެއްވުމުން އެ މަގަމާށް ޑީޑީ ޝައުގުވެރިކަން ފާޅުކުރައްވައިފައިވާ ކަމުގެ އަޑުތައް ވެސް އެޕާޓީން ތެރެއިން ވަނީ އިވިގެން ގޮސްފަ އެވެ.
ޖޭޕީން އެކަހަރިވެވަޑައިގަތުމުގެ ކުރިން ޑީޑީގެ ޝަކުވާތައް "ވައި އަޑުން" ނަމަވެސް އިވުނު ފަރާތްތައް އެބަހުއްޓެވެ. ޕާޓީ ތެރޭގެ ކަންކަން ޕާޓީގެ ރައީސްއާ މަޝްވަރާ ކުރެއްވުމެއް ނެތި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބޭނުންވެ ލައްވާ ގޮތަށް ކުރައްވަމުން ގެންދަވާ ކަމުގެ ޝަކުވާތައް ވެސް ކޮންމެ ވެސް ވަރަކަށް ކުރައްވައިފައިވާ ކަން ބައެއް މީހުން ކިބައިން ވަނީ އިވިފަ އެވެ.
ޑީޑީ ސިޔާސީ އެއްވެސް ހަރަކާތަކުން ފެންނަމުން ނުދާ އިރު އޭނާގެ އެންމެ އަރިހުގައި އަބަދުވެސް ހުންނަ އައްބާސް ވާފިރު ވެސް ވަނީ އޭނާ ދޫކޮށްލައިފަ އެވެ. އައްބާސް އަކީ އޭނާ ޕާސަނަލް ސެކްރެޓަރީ ކަމަށް ވާއިރު ޑީޑީގެ ހަރަކާތްތަކާ މެދު ސިޔާސީ މާހިރެއްގެ ބަހަކަށް ވުރެ މުހިންމީ އޭނާގެ ބަހެވެ.
އައްބާސް ޑީޑީގެ އަރިހުގައި އުޅުމަށް ފަހު ޑީޑީ އަރިހުން ވަކިވީ ޑީޑީގެ ސިޔާސީ މުސްތަގުބަލެއް އޮތް ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ސަން އޮންލައިނަށް ދިން އިންޓަވިއުގައި އޭނާ ބުނީ ޑީޑީ އެނބުރި ކުލިނިކަށް ވަޑައިގަންނަވަން ޖެހުނީ ސިޔާސީ މުސްތަގްބަލު ނެތިގެން ކަމަށާއި އެނާ ދެން ސިޔާސީ ހަރަކާތްތަކުން ކައިރި މުސްތަގުބަލެއްގައި ފެނުމަކީ ނާދިރުކަމެއް ކަމަށެވެ.
ޑީޑީގެ ހަޔާތުގައި ސިޔާސީ ގޮތުން އައި ކޮންމެ ދަނޑިވަޅެއްގައި ވެސް އެންމެ އަރިހުގައި ހުރި އެކަކީ އައްބާސް ކަމަށްވާ އިރު އޭނާ ވަނީ ޑީޑީގެ ސިޔާސީ މުސްތަގުބަލާ މެދު އުންމީދު ކަނޑާލާފަ އެވެ. ޑީޑީ ކުލިނިކަށް ވަޑައިގަތުމުން އޭނާ ވެސް ވަނީ އޭނާގެ ވިޔަފާރިއައިގެން މަސައްކަތް ފަށައިފަ އެވެ.
"ޑީޑީއާ އެއްވެސް ގުޅުމެއް ނެތްތާ ހަތަރު މަސްވަރު ވެދާނެ. އަޅުގަނޑު ގަބޫލެއް ނުކުރަން ޑީޑީގެ ސިޔާސީ މުސްތަގުބަލެއް އޮތް ކަމަކަށް. ސިޔާސީ މައިދާނުގައި ޑީޑީ ކޮށްފައިވާ ތަޖްރިބާތައް އަޅުގަނޑު ދުށިން. އެހެންވެ މިހެން މި ދަންނަވަނީ،" ޑީޑީއާ އެކު ގިނަ ދުވަސް ތަކެއް ވަންދެން އެންމެ އަރިހުގައި މަސައްކަތްކުރި އައްބާސް ކިޔައިދިނެވެ.
ސިޔާސީ ގޮތުން ކިތަންމެ ބޮޑު ވާދަވެރިކަމެއްގެ ތެރޭގައި ވެސް ސިޔާސީ މީހަކު ސިޔާސީ ދާއިރާއިން އެކަހެރި ވެދާނެ އެވެ. ނަމަވެސް އޭގެ އަސްލު ސަބަބު އެމީހަކަށް ނޫނީ ނޭނގޭނެ އެވެ. އެހެން ކަމުން ޑރ. ޑީޑީ ކުލިނިކަށް ވަޑައިގެން ބަލިމީހުން ބައްލަވާން އަލުން ފެއްޓެވި ސަބަބު އަދި ބުނާން ނޭނގެ އެވެ. ޔަގީން ވާ ކަމަކީ އޭނާ އެނބުރި ކުލިނިކަށް ވަޑައިގެންފި ކަމެވެ. ޖޭޕީން މި ފަހުން ލ. އަތޮޅުގައި ބޭއްވި ޖަލްސާ އިން ވެސް ޑީޑީ ނުފެނެ އެވެ. ޖޭޕީގެ ޖަލްސާތަކުގައި ޕާޓީގެ ރައީސްގެ ގޮނޑިކޮޅު ހުންނަނީ ފަޅަށެވެ.