މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 295 ބުލެޓާ އެކު ގެސްޓުހައުސްއެއްގެ ތެރެއިން މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 43 އަހަރުގެ މީހެކެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ކޮން ގެސްޓުހައުސްއަކުން ކަމެއް ފުލުހުން ނުބުނެ އެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ޕޮލިސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ މެންދުރު 1:18 ހާއިރު ގެސްޓުހައުސްއެއްގެ ކޮޓަރިއެއްގެ ތެރެއިން ކަމަށެވެ.

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 295 ބުލެޓް ފެނިފައި ވަނީ އޭނާގެ ހަށިގަނޑާއި އެ ކޮޓަރިތެރެ ބަލައި ފާސްކުރި އިރު އޭނާގެ އަތުންނާއި އެ ކޮޓަރި ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ.

މަސްތުވާތަކެއްޗާއި ބަނގުރަލުގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ފުލުހުން އަންނަނީ ގިނަ އޮޕަރޭޝަންތަކެއް ހިންގައި އެ މައްސަލަތަކުގައި މީހުން ހައްޔަރު ކުރަމުންނެވެ.