30 Jan 2013, 09:39
ވޮޝިންޓަން (ޖަނަވަރީ 30): އެމެރިކާގެ ޚާރިޖީ ވަޒީރު ކަމަށް ރައީސް ބަރަކް އޮބާމާ އިޚްތިޔާރު ކުރައްވާފައިވާ ސެނެޓާ ޖޯން ކެރީ އެމަގާމަށް ކުފޫހަމަވާ ކަމަށް ސެނެޓްގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ އިއްތިފާގުން ނިންމައިފި އެވެ.
ނަމަވެސް ކެރީ އަށް ރުހުން ދިނުމާމެދު އެންމެ ފަހުގެ ނިންމުން ނިންމާނީ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ސެނެޓްގެ ހުރިހާ ހުރިހާ މެންބަރުންގެ ޖަލްސާ ގައެވެ. ކެރީ، އެމެރިކާގެ ޚާރިޖީ ވަޒީރު ކަމަށް އޮބާމާ އިޚްތިޔާރު ކުރެއްވީ ފާއިތުވި ހަތަރު އަހަރު އެ މަގާމުގައި ހުންނެވި ހިލަރީ ކްލިންޓަން މަގާމުން އިސްތިއުފާދެއްވުމަށް ނިންމެވުމާ ގުޅިގެންނެވެ. އޮބާމާގެ ދެ ވަނަ ދައުރުގެ ޚާރިޖީ ވަޒީރަކަށް އޭނާ ކުރިން އިޚްތިޔާރު ކުރެއްވީ އދ.ގައި ހުންނަވާ އެމެރިކާގެ މަންދޫބާ ސޫޒަން ރައިސް އެވެ. ޑިޕްލޮމެޓިކް މުޢާމަލާތްތައް ކުރުމުގައި ހަރުކަށި ގޮތްތަކެއް ގެންގުޅުއްވާ ސޫޒާން ރައިސް އާމެދު އިތުބާރުގެ މައްސަލަ އެއް ފެންމަތިވުމާ އެކު އޭނާ ވަނީ އެމަގާމު ބޭނުން ނުވާކަން ހާމަކުރައްވައި ދުރަށް ޖެހިވަޑައިގެންފަ އެވެ. އިތުބާރުގެ މައްސަލަ ފެންމަތިވީ ލީބިޔާގެ ބެންޣާޒީގައި ހުރި އެމެރިކާގެ ކޮންސިއުލޭޓަށް ބަޔަކު ޙަމަލާދީ އެތަނުގައި އެވަގުތު ހުންނެވި އެމެރިކާގެ ސަފީރު އަވަހާރަކޮށްލި މައްސަލާގައި ދެފަހަރު ދެގޮތަށް ސޫޒާން ބަޔާންތައް ދެއްވުމާއި އޭނާގެ ބަޔާންތަކުގައި ދޮގު މަޢްލޫމާތު ހުރިކަން ކަށަވަރު ވުމާ ގުޅިގެންނެވެ.
އޮބާމާގެ ދެވަނަ ދައުރު މިހާރު ފެށިފައިވާ އިރު އައު ދިފާޢީ ވަޒީރަކަށް އިޚްތިޔާރު ކުރައްވާފައި ވަނީ ޗަކް ހަގްލް އެވެ. މަރުކަޒީ ޖާސޫސީ އިދާރާގެ ވެރިއަކަށް އިޚްތިޔާރު ކުރައްވާފައި ވަނީ ޖޯން ބްރިނަން އެވެ. މި ދެ ބޭފުޅުންނާމެދު ސެނެޓްގެ ބައެއް މެންބަރުން ވަނީ ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާކަން ހާމަކުރައްވާފަ އެވެ. ނަމަވެސް މި ދެ ބޭފުޅުންނަށް ރުހުން ދިނުމުގައި ވެސް ސެނެޓުން އަދި ވަކިގޮތެއް ނުނިންމަ އެވެ. އެމެރިކާގައި އޮންނަނީ ރިޔާސީ ނިޒާމަކަށްވާތީ ޚާރިޖީ ވަޒީރުކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ސެނެޓަރުކަމުގެ މަޤާމުން ކެރީ އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ އެވެ. (ނޫސްއެޖެންސީތައް)