ޤާހިރާ (ޖަނަވަރީ 30): މިސްރުގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށްވަރުގަދަވެ ގިނައަދަދެއްގެ މީހުން މަރުވެ ގައުމަށް މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ މިސްރުގައި ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލުމަށް އެގައުމުގެ އިދިކޮޅު ބައެއް ސިޔާސީ ލީޑަރުން ގޮވާލައްވައިފި އެވެ.

މިބޭފުޅުން ރައީސް މުޙައްމަދު މުރުސީގެ އަރިހުން މިކަމަށް އެދިވަޑައިގެންފައި ވަނީ ޤާހިރާގައި އިއްޔެ ކުރިޔަށްދިޔަ މިސްރުގެ ސަރުކާރާއި އިދިކޮޅު ބައެއް ޕާޓީތަކުގެ ގައުމީ އިސްލާޙީ މަޝްވަރާ ބައްދަލުވުމުގަ އެވެ. މިމަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިސްރުގެ ކުރީގެ ރިޔާސީ ކެންޑިޑޭޓެއް ކަމަށްވާ "އަލްޣަދު" ޕާޓީގެ ވެރިޔާ އައިމަން ނޫރު ވިދާޅުވީ މިސްރުގެ ހަމަނުޖެހުންތައް ހުއްޓުވުމަށް ޓަކައި ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލުން ކޮންމެހެން ބޭނުންކަމަށާއި މިފަދަ ސަރުކާރެއްގައި އޭނާގެ ޕާޓީ ބައިވެރިވާނެ ކަމުގަ އެވެ.

ނަމަވެސް ރައީސް މުރުސީގެ ސަރުކާރުގައި އިޚްލާސްތެރިކަން ނެތްކަމަށްބުނެ މިސްރުގެ ނުފޫޒު ގަދަ ބައެއް އިދިކޮޅު ޕާޓީތަކާއި އިދިކޮޅު ލީޑަރުން މިމަޝްވަރާތައް ބޮއިކަޓްކުރުމުން އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލުމުގައި އެފަރާތްތަކުގެ ޚިޔާލުވަނީ ނޭންގުމެއްގެ ތެރޭގަ އެވެ. ރައީސް މުރުސީ ވަނީ މިހުށަހެޅުން ދިރާސާކުރައްވާނެކަން ހާމަކުރައްވާފަ އެވެ.

އަނެއްކޮޅުން އިއްޔެ ޤާހިރާގެ ޢާބިދީން މައިދާނުގައި ވެސް ސަލާމަތީ ޞާރުތަކާއި މުޒަހަރާކުރަމުން ދިޔަ މީހުންނާ ދެމެދުވަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފަ އެވެ. މިކުރިމަތިލުންތަކުގައި މުޒާހަރާކުރި މީހުންވަނީ ފުލުހުންގެ މަރުކަޒެއްގައި އަލިފާންޖަހައި ރޯކޮށްލުމުގެ އިތުރުން ސަލާމަތީ ބާރުތަކުގެ މައި މަރުކަޒަށް ވަދެގަތުމަށް ވެސް މަސައްކަތްކޮށްފަ އެވެ. މިމުޒާހަރާ ރޫޅާލުމަށް ސަލާމަތީ ބާރުތަކުންވަނީ ބާރުގެ ބޭނުންކޮށްފަ އެވެ. މިސްރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ޙަރަކާތްތެރިވާ ބްލެކް ބްލޮކް ނަމަކަށްކިޔާ ޖަމާއަތަކީ ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވެސް މިސްރު ސަރުކާރުން އިއްޔެ ވަނީ ނިންމާފަ އެވެ. މިނިންމުމާ ގުޅިގެން މިސްރުގެ ސަލާމަތީ ބާރުތަކުން ގެންދަނީ އެޖަމާއަތުގެ މެންބަރުން ހައްޔަރުކޮށް އެމީހުންނާމެދު ތަޙްޤީޤް ހިންގަމުންނެވެ.

ރައީސް މުރުސީ މިމަޝްވަރާތަކަށް ގޮވާލެއްވީ މިސްރުގެ އިދިކޮޅު ފަރާތްތައް ބައިވެރިވެގެން އެ ގައުމުގައި މިހާރު ކުރިޔަށްދާ ސިޔާސީ ގަޑުބަޑުތަކާއި ހަމަނުޖެހުންތައް ސުލްހަވެރިކަމާ އެކު ހައްލުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ހުރިހާ ސިޔާސީ ފަރާތްތަކެއް އެއމޭޒެއްގެ ދޮށުގައިތިބެ ވާހަކަ ދައްކައިގެން ނަތީޖާ އެއްނެރުމުގެ މަޤްސަދްގައި ކަމަށް މުރުސީ މިދިޔަ އާދީއްތަ ދުވަހު ދެއްވި ޚިތާބުގައި ވިދާޅުވެފައިވެ އެވެ. މިސްރުގައި މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތައް ނުހުއްޓުވިއްޖެ ނަމަ އެކަމުގެ ސަބަބުން މިސްރުގެ ގައުމީ ސަލާމަތަށް ނުރައްކާވެ މިސްރުގެ ދައުލަތް ނިޒާމް ރޫޅިގެން ހިނގައިދާނެ ކަމުގެ އިންޒާރު އެގައުމުގެ ދިފާޢީ ވަޒީރު ޖެނެރަލް ޢަބްދުލްފައްތާޙު އައްސީސީ ވަނީ ދެއްވާފަ އެވެ.

މިސްރުގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި ފާއިތުވި އެއް ހަފްތާގައި 50 އަށް ވުރެ ގިނަ މީހުން މަރުވެ 700 އެއްހާމީހުންނަށް އަނިޔާލިބިފައިވެ އެވެ. މިސްރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ ރައީސް މުރުސީގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ވާދަވެރި ޕާޓީތަކާއި ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ނިޒާމަށް ތާއީދުކުރާ ފަރާތްތައް ކަމަށް މުރުސީގެ ސަރުކާރުން ތުހުމަތު ކުރެ އެވެ. (އަލްޖަޒީރާ)