މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ދެމުންގެން ދިޔަ ފެނުގެ ހިދުމަތްތަކާއި ނަރުދަމާގެ ހިދުމަތް ބްރޭންޑް ނަމަކާ އެކު ތައާރަފް ކޮށްފި އެވެ.

މަސީ އިން ކުރިއަށްގެންދާ ބިލްޑް އެކްސްޕޯގެ ތެރެއިން ރޭ ދަރުބާރުގޭ ހަކުރާމާލަމުގައި ބޭއްވި ހަފްލާއެއްގައި އެމްޑަބްލިޔުއެސްސީ އިން އަލަށް ތައާރަފް ކުރި "ފެން" ބްރޭންޑް ރަސްމީކޮށް ލޯންޗުކޮށްދެއްވީ ހަފްލާގެ ޝަރަފްވެރި މެހެމާން، އެމްޑަންލިޔުއެސްސީގެ ބޯޑް އޮފް ޑިރެކްޓާސްގެ ޗެއާޕާސަން ނީޒާ އިމާދު އެވެ.

އެމްޑަބްލިޔުއެސްސީ އިން ބުނީ އެކުންފުނިން އަލަށް ތައާރަފް ކުރި ފެން ބްރޭންޑުގެ ދަށުން އެކުންފުނިންދޭ "ވޯޓާ އެންޑް ވޭސްޓް-ވޯޓާ ސޮލިއުޝަން" އަދި ރައްކާތެރި ގޮތުގައި ބޯފެން އުފެއްދުމަށްދޭ ހިދުމަތްތައް ހިމެނޭ ކަމަށެވެ. އެހެން ނަމަވެސް ކުންފުނިން މިހާރު ވެސް ދެމުންގެންދާ ޔުޓިލިޓީޒް ހިދުމަތްތައް ގެންދާނީ މުޅިން ތަފާތު ދެ ހިދުމަތެއްގެ ގޮތުގައި ކަމަށެވެ.

ފެން ބްރޭންޑުގައި ލިބިދޭ ހިދުމަތްތަކުގެ ތެރޭގައި އާރުއޯ ޕްލާންޓް އުފެއްދުމާއި ބޯހޯލް ޑްރިލިން އާއި "ވޯޓާ އެންޑް ވޭސްޓް-ވޯޓާ ނެޓްވާކް"ތައް ގާއިމު ކޮށްދިނުމުގެ އިތުރުން ލެބޯޓަރީގެ ހިދުމަތް ވެސް ހިމެނެ އެވެ. އެ ކުންފުނިން ބުނީ އަލަށް ތައާރަފްކުރި ބްރޭންޑް ބޮޑަށް އަމާޒުކުރާނީ އަމިއްލަ ބޮޑެތި ވިޔަފާރި އިންޑަސްޓްރީތަކާއި އަދި ރިސޯޓުތަކަށް ކަމަށެވެ.

ރޭގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަޙްމަދު ދީދީ ވިދާޅުވީ މިއަދަކީ އެމްޑަބްލިޔުއެސްސީގެ ހަޔާތުގައި ވަރަށް ފާހަގަ ކޮށްލެވޭ ދުވަހެއް ކަމަށާއި އެކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ރައްކާތެރިކަމާ އެކު ފެނުގެ އެންމެހައި ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

"މިއަދަކީ އެމްޑަބްލިޔުއެސްސީގެ ހަޔާތުގައި ބޮޑު ކާމިޔާބީއެއް ހާސިލް ކުރެވުނު ދުވަހެއް. އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް އާންމު ހިދުމަތެއްގެ ގޮތުގައި ރައްކާތެރިކަމާ އެކު ފެނުގެ ހިދުމަތް ދިނުން،" އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު ވިދާޅުވި އެވެ.

ދީދީ އިތުރަށް ވިދާޅުވީ އެ ކުންފުންޏަށް މިއަދު ލިބިފައިވާ ކާމިޔާބުގައި އެންމެ ބޮޑަށް އެހީތެރިވެފައި ވަނީ ވޭތުވެދިޔަ 17 ވަރަކަށް އަހަރު ދުވަސް ތެރޭގައި ކުންފުނިން ހިތްވަރާ އެކު ވަރުގަދަ އަޒުމެއްގައި ހިކުމަތްތެރިކަމާ އެކު ތަޖުރިބާކުރި މަސައްކަތްތަކުގެ މޭވާ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން މިވަނީ އިތުރު ފިޔަވަޅެއް ކުރިއަށް ޖެހިލާފައި. މިއަދު އަޅުގަނޑުމެންނަށް ލިބިފައިމި ވަނީ ގިނަ ދުވަސްތަކެއް ވަންދެން މިންނަތާ އެކު ކުރަމުން ގެންދިޔަ މަސައްކަތުގެ ފޮނި މޭވާ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑަބްލިޔުއެސްސީގެ ވާދަވެރި އެހެން ކުންފުނިތަކާއި އެ ކުންފުންޏާ ތަފާތުކޮށްދޭ ކަމަކީ އެ ކުންފުނީގެ އުފެއްދުންތައް ހުންނާނީ ދިވެހިންގެ ރަހަތަކާއި އާދަކާދައާ ގުޅޭގޮތަށް ހުރުން ކަމަށެވެ. އެގޮތުން އެ ކުންފުނިން ފެނާއި ނަރުދަމާގެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އެ ފަރާތްތަކުން ބޭނުންވާ ގޮތަކަށް އެމާހައުލަކާއި އެންމެ ގުޅޭގޮތަށް އަދި ދެމެހެއްޓެނިވި ގޮތަކަށް އެނިޒާމުތައް ގާއިމް ކޮށްދޭނޭ ކަމަށެވެ.