މަރާމާތަށް ގެންގޮސް ކ. ތިލަފުށީ ފަަޅުގައި އަޅާފައި އޮތް ބޯޓެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފް މިއަދު ވިދާޅުވީ ރޭ ގާތްގަނޑަކަށް 3:30 އެހާކަންހާއިރު އަލިފާން ރޯވެފައި ވަނީ "މޫން ލައިޓް" ކިޔާ ބޯޓެއްގައި ކަމަށާއި އަލިފާން ރޯވި އިރު ހަ ދިވެހިންނާއި ދެ ބިދޭސީއަކު އެ ބޯޓުގައި ނިދާފައި ތިބި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބި ރައްކާތެރިކަމާ އެކު ބޯޓުން އެމީހުން ފައިބާފައިވާ ކަމަށް ހަނީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސަވިސް އާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވި ނިއްވާލެވުނީ ރޭ ފަތިހު 5:00 އެހާކަންހާއިރު ކަމަށެވެ. އެ ބޯޓަށް ލިބުނު ގެއްލުމުގެ އަދަދެއް މިހާތަނަށް ސާފެއް ނުވެ އެވެ.

ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާ ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަހްގީގު ކުރައްވަމުންނެވެ.