ދިވެހިރާއްޖޭގެ ލިޔުންތެރީން ގުޅިގެން އުފައްދައިފައިވާ ޖަމިއްޔާއެއް ކަމަށް ވާ ލިޔުންތެރީންގެ ގުޅުމުގެ ދެވަނަ ދައުރުގެ ހިންގާ ކޮމެޓީ އަށް މެންބަރުން އިންތިހާބު ކޮށްފި އެވެ.

ލިޔުންތެރީންގެ ގުޅުމުގެ ހިންގާ ކޮމެޓީ އަށް މެންބަރުން ހޮވައިފައި ވަނީ ރޭ 9:00 އިން 11:00 އަށް ގައުމީ އާޓް ގެލަރީގެ މާލަމުގައި އެ ޖަމިއްޔާ އިން ބޭއްވި އިންތިހާބީ އާންމު ޖަލްސާގަ އެވެ.

ޖަމިއްޔާގެ ރައީސަކަށް ހޮވާފައި ވަނީ ތަފާތު ވުޒާރާތަކުގެ ވަޒީރުކަން ވެސް ކުރައްވައިފައިވާ އަދި މިހާރުގެ ދިވެހި ބަހުގެ އެކަޑެމީގެ މެންބަރު މއ. އުރަހަ ޢަބްދުއްރަޝީދު ޙުސައިން އެވެ. ނައިބު ރައީސުންގެ ގޮތުގައި ހޮވިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) އާއި ހ. ހުދުފިނިފެންމާގޭ ޙަސަން ޝާކިރު މުޙައްމަދު އެވެ. ހަޒާންދާރު ކަމުގެ މަގާމަށް ހދ. ވައިކަރަދޫ ހެދޭކުރި ޙުސައިން ސިރާޖު ހޮވާފައިވާ އިރު، ސެކްރެޓަރީއަކަށް ހޮވާފައި ވަނީ ރ. ކަނދޮޅުދޫ ކެތި ޢަބްދުﷲ މުޞްލިޙް އެވެ. އަދި މައުލޫމާތު ފަތުރާ ސެކްރެޓަރީއަކަށް އއ.ތޮއްޑޫ ގިރިޓީގޭ އާދަމް ނަޞީރު އިބްރާހީމް އެވެ.

އިތުރު ފަސް މެންބަރުންގެ ގޮތުގައި ހޮވާފައި ވަނީ ގ. ހުދުރުވާގޭ އަޙްމަދު ޝިޔާމް އާއި ސ.ފޭދޫ އާރާމުގޭ ޢަބްދުﷲ ނަޢީމު އިބްރާހީމް އާއި ދިވެހި ބަހާއި ތާރީހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒުގެ ކުރީގެ ރައީސް އަދި ތަފާތު ވުޒާރާތަކުގެ ވަޒީރުކަން ވެސް ކުރައްވައިފައިވާ މ. ސިލްވާކްލައުޑް ޢައްބާސް އިބްރާހީމް އާއި މ. ލަކީސްޓާ އަޙްމަދު ސަމީރު ޢަލީ އާއި ވ. ކަންދު ޙަސަން މަނިކު (ރޯނުގޭ ޙަސަން މަނިކު) އެވެ.

ލިޔުންތެރީންގެ ގުޅުމުގެ މުސްތަޝާރަކީ ދިވެހި ބަހުގެ އިސް އަދީބު ހ. އާމުލީގޭ ޢަބްދުﷲ ޞާދިޤު (ސޯދުބެ) އެވެ.