އުމުރުން ދުވަސްވީ މީހަކު ޕިކަޕެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.


ފުލުހުން ބުނީ ދިވެހި ފިރިހެން މީހާ ފެނުނީ ޗާންދަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅުނު ހިސާބުގައި އޮތް ޕިކަޕެއްގެ ތެރެއިން ކަމަށާއި އެއީ އުމުރުން 67، އަހަރުގެ މީހެއް ކަމަށެވެ. މިމީހާ މަރުވެފައި އޮތީ ޕިކަޕްގެ ޑްރައިވަރު ސީޓްގައި ކަމަށެވެ.


ފުލުހުން ބުނީ މިއަދު ހެނދުނު އެމީހާ ޕިކަޕްގެ ތެރޭގައި މަރުވެފައި އޮތްކަން ފުލުހުންނަށް ރިޕޯޓް ކުރި އާންމު ފަރާތަކުން ހެނދުނު 6:00ޖެހި އިރު ކަމަށެވެ.


އެ މީހާ ޕިކަޕްތެރެއިން ނަގައި އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އޭނާގެ ހަށިގަނޑު ބެއްލެވި އެ ހޮސްޕިޓަލުގެ ޑޮކްޓަރު ކަށަވަރު ކޮށްދެއްވާފައިވާ ކަމަށެވެ.


މިހާތަނަށް ބެލިބެލުމުން އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ގެއްލުމެއް ލިބިފައި ހުރިކަމަށް ފާހަގަ ކުރެވިފައެއް ނުވެއެވެ.


މި މީހާއާބެހޭ ތަފުސީލު މައުލޫމާތު ފުލުހުން އަދި ދީފައެއް ނުވެ އެވެ. ނަމަވެސް ވިދާޅުވީ އެމީހާގެ ހަށިގަނޑު މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.