Last Updated: 1 decade 3 year ago
ފުލުހުން މިރޭ ނެރުނު އެންގުމެއްގައި ބުނެފަައި ވަނީ އުސްފަސްގަނޑު ސަރަހައްދުގައި އެއްވެސް ފަރާތަކުން އެއްވެސް އެއްޗެއް ބަހައްޓާފައިވާ ނަމަ މިރޭ 01:00 އިން ފެށިގެން 24 ގަޑިއިރު ތެރޭގައި އެ އެއްޗެއް އެ ސަރަހައްދުން ނެންގެވުމަށް އަންގާ ކަމަށެވެ. އަދި މާދާމާ ރޭ މެންދަމު 1:00 ފަހުން އެ ސަރަހައްދުގައި ހުންނަ ތަކެތި ފުލުހުން ނަގައި އެ ސަރަހައްދު ހުސްކުރާނެ ކަމަށާއި އަދި މި ގޮތަށް ނެގޭ ތަކެތި ނެގުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުން ޒިންމާ ނުވާނެ ވާހަކަ އާންމުކޮށް އަންގައި އިއުލާނު ކުރާ ކަމަށް ފުލުހުންގެ އެންގުމުގައި ބުނެފައިވެ އެވެ.
ފުލުހުންގެ އެ އެންގުން ވަނީ އުސްފަަސްގަނޑުގައި ހުންނަ އެމްޑީޕީގެ ނޯޓިސް ބޯޑުގައި ހަރުކޮށްފަ އެވެ. އަދި އުސްފަސްގަނޑު ސްޓޭޖު ސަރަހައްދުގައި ވެސް ވަނީ އެ އެންގުން ތަތްކޮށްފަ އެވެ.
ަ
އުސްފަސްގަނޑު ހައުސިން މިނިސްޓްރީއާ ހަވާލު ކުރުމަށް ސިޓީ ކައުންސިލްގެ މައްޗަށް ނެރުނު ހުކުމް ތަންފީޒުކޮށްފައި ނުވާތީ ފުލުހުން މިރޭ ނެރުނު އެންގުމުގައި ބުނެފައި ވަނީ ސިވިލް ކޯޓުންކޮށްފައިވާ ހުކުމާ އެއްގޮތައް މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އުސްފަސްގަނޑު ހައުސިން މިނިސްޓްރީ އަށް ހަވާލުކޮށްފައި ނުވާތީ އެ ހުކުމް ތަންފީޒު ކުރުމުގެ މަސައްކަތް ކުރުމަށް ފުލުހުން ނިންމާފައިވާ ކަމަށެވެ. އަދި އެ ގޮތުން ފުލުހުން ނިންމީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކޮށް ދިނުމަށް ހައުސިން މިނިސްޓްރީން އެދިފައިވާތީ ކަމަށެވެ.