29 Jan 2013, 21:53
ނުރައްކާތެރި ހާޓް އެޓޭކެއްގެ ސަބަބުން ކޯމާއެއްގައި އޮންނަތާ ހަތް އަހަރަށް ފަހު އިޒްރޭލްގެ ކުރީގެ ބޮޑުވަޒީރު އޭރިއެލް ޝެރޯންގެ ހަށިގަނޑުގެ ހިއްސުތައް ކޮންމެސް ވަރަކަށް މަސައްކަތް ކުރާ ކަމުގެ ނިޝާންތައް ފެންނަ ކަމަށް އޭނާގެ އެމްއާރްއައި ހެއްދެވި ޑޮކްޓަރު ވިދާޅުވެއްޖެ އެވެ.
އެމެރިކާ އާއި އިޒްރޭލްގެ ޑޮކްޓަރުން ހިމެނޭ ޓީމަކުން ހެދި ޓެސްޓުތަކުން މިހެން ދެއްކި ކަމުގައި ވިޔަސް މީގެ މާނައަކީ އިސްރާއީލްގެ ކުރީގެ ބޮޑުވަޒީރު ޝެރޯނަށް ހޭ އަރާނެ ކަމުގެ ޔަގީން ކަމެއް ނޫން ކަމަށް އެ ޓީމުން ބުނެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހެދި ދެ ގަޑި އިރުގެ ޓެސްޓެއްގައި 84 އަހަރުގެ ޝެރޯންގެ ހަށިގަނޑު މަސައްކަތް ކުރި ގޮތަށް ބަލާ އިރު ކޯމާއިން ޝެރޯން ތެދުވުމުގެ ފުރުސަތު ވަރަށް ހަނި ކަމަށް އިޒްރޭލްގެ ސޮރޮކާ މެޑިކަލް ސެންޓަރުގެ ނިއުރޮލޮޖިކަލް ޑައިރެކްޓަރު އެލޯން ފްރެޑްމަން ރޮއިޓަރސް އަށް ފޯނުން މައުލޫމާތު ދެމުން ބުންޏެވެ.
މި ޓެސްޓުތަކުގައި ޝެރޯންގެ ޢާއިލާގެ ފޮޓޯތަކެއް އޭނާ އަށް ދައްކައި އަދި އޭނާ ދިރިއުޅުނު ގެ ހިތަށް ގެންނަން ޑޮކްޓާރުން ބުނުމުން ސިކުނޑި ކޮންމެ ވެސް ވަރަކަށް މަސައްކަތް ކުރިކަމަށް މެޝިނުން ދައްކާފައިވާ ކަމަށް އޭނާ ބުންޏެވެ.
މި ހޯދުންތަކުންތަކުން ދައްކާ ގޮތުން ކޯމާއެއްގައި އޮތްކަމުގައި ވިޔަސް "ޝެރޯން އަޑު އަހައި އަދި ބައެއް މުހިންމު މައުލޫމާތު ސިކުނޑި އަށް ދަތުރުކޮށް ޕްރޮސެސް ކުރޭ" ފްރެޑްމަން ބުންޏެވެ.
އޭނާ އިތުރަށް ބުނީ "ޝެރޯން ހޭ އެރުމަކީ ވެދާނެ ކަމެއް" ނަމަވެސް ހަށިގަނޑުން ވާގި ދޫވުމުގެ ސަބަބުން ޖިސްމާނީ ގޮތުން ހަރަކާތްތެރި ނުވެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނި ގޮތުން ޝެރޯން އެ ވަނީ ޑޮކްޓަރުން ބުނާ ގޮތުން ނަމަ "ލޮކްޑް އިން" ގަ އެވެ. މި ހާލަތުގައި ބަލިމީހާ އަށް ކަންތައްތައް އޮޅުން ފިލި ކަމުގައި ވިޔަސް މަސްތައް ހަރަކާތެއް ނުކުރާނެ އެވެ.
"މި ޓެސްޓުގެ ނަތީޖާ އެހާ ސާފެއްނޫން. ނަމަވެސް މި ހޯދުންތައް އަހަރެމެން ހައިރާން ކޮށްލި." ފްރެޑްމަން ބުންޏެވެ. -- މައުލޫމާތު: ރޮއިޓާސް