29 Jan 2013, 21:39
ހަނިމާދޫ އާއި އިންޑިއާގެ ޓުރެވަންޑުރަމްއާ ދޭތެރޭގައި މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް ނިންމާފައިވާ އިރު މާލެ އާއި ހަނިމާދޫއާ ދެމެދުގައި ކުރާ ވައިގެ ދަތުރުތަކުގެ ޓިކެޓްގެ އަގުބޮޑު ކަމަށް ބުނެ، ހއ. އަތޮޅު ކައުންސިލްގެ އިދާރާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ހއ. އަތޮޅު ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ އެހެން ހިސާބުތަކަށާއި ހަނިމާދޫން އިންޑިއާ އަށް ކުރުމަށް ކަނޑައަޅާފައިވާ ދަތުރުތަކުގެ ޓިކެޓް ވިއްކާ ނިސްބަތުން މާލެއިން ހަނިމާދު އަށް ކުރާ ދަތުރުގެ ޓިކެޓް އަގު ބޮޑު ކަމަށެވެ. އަދި ހއ. ކައުންސިލްގެ ރައީސް އަހުމަދު ރިޝްވާން ވެސް މިއަދު ވިދާޅުވީ ޓުރެވަންޑުރަމް އާއި ހަނިމާދު އާ ދެމެދުގައި ދަތުރުތައް ފަށާއިރު މޯލްޑިވިއަންނުން މާލެ އާއި ހަނިމާދޫއާ ދޭތެރޭކުރާ ދަތުރުތަކަކީ ރާއްޖޭގެ އެހެން ހިސާބުތަކަށް އެ އެއާލައިންނުން ކުރާ ދަތުތުރުތަކާ އަޅާ ބަލާ އިރު ވެސް އަގު ބޮޑުކޮށް ކުރާ ދަތުރުތަކެއް ކަމަށެވެ.
އޭނާ ވިދާޅުވީ މާލެ އާއި އައްޑުއާ ދޭތެރޭގެ ދެ ކޮޅު ޓިކެޓެއް 2858ރ. އަށް ވިއްކާ އިރު ހަނިމާދު އާއި މާލޭގެ ދެ ކޮޅު ޓިކެޓެއް ވިއްކަނީ 3560.ރ އަށް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިރޭ ވިދާޅުވީ ހުރިހާ ހިސާބުތަކެއްގެ އަގުތައް ވެސް އެ އެއާލައިނުން ހަމަޖައްސާފައި ވަނީ އެ އެއާލައިނަށާއި ދަތުރުކުރާ މީހުނަށް ވެސް ގެއްލުމެއް ނުވާނެ ވަރު ބަލައިގެން ކަމަށެވެ.
"އަޅުގަނޑުމެން އެއްވެސް ވަރަކަށް ދަތުރުކުރާ މީހުންނަކަށް ގެއްލުމެއް ވާގޮތަކަށް ކަންތަކެއް ނުކުރާނަން. ސަބަބަކީ މީހުން އަގުބޮޑުވުމުން ދަތުރުނުކުރިޔަސް ގެއްލުން ވާނީ ހަމަ އަޅުގަނދުމެނަށް. އެހެންކަމުން ހަމަ ދެ ފަރާތަށް ވެސް ހަމަ އެންމެ ރަނގަޅުވާނެ ގޮތަށް ރޭޓް އެހެރީ ހަދާފައި އިނގޭތޯ." ނަޝާތު ވިދާޅުވި އެވެ.
ނަޝާތު ވިދާޅުވީ ހަނިމާދު އާއި އިންޑިއާގެ ޓުރެވަންޑުރަމްގެ ޓިކެޓް އަގު 199 ޑޮލަރަކީ (3068.58ރ.) ވަރަށް ހެޔޮ އަގެއް ކަމަށާއި އަދި ހަމައެހެންމެ އިންޑިއާ އަށް ބޭނުންވާ ވިސާ ފަދަ ކަންތައްތައް އެ ކުންފުނީގެ ފަރާތުން ހަމަޖައްސައި ދިނުމަކީ ރައްޔިތުންނަށް ޓަކައި ކޮށްދޭކަމެއް ކަމަށެވެ.