29 Jan 2013, 21:18
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރައްޔިތުންނަށް ވަމުންދާ ވައުދުތައް ފުއްދާނީ ދައުލަތުގެ ހަރު މުދަލާއި ބޮޑު ފޮށީގައި އޮންނަ ފައްޓަރުބައި ވިއްކައިގެން ނޫން ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ވައުދެއް ކުރައްވައިފި ނަމަ އެ ވައުދަކަށް ކަމޭ ހިއްތަވައި އެ ވައުދެއް ފުއްދޭނެ ގާބިލުކަން ހުރި ތަޖުރިބާކާރު ބޭފުޅެއް ކަމަށެވެ. އަދި އެ ޕާޓީން ވައުދު ފުއްދާނީ ދައުލަތަށް ލިބޭ އާމްދަނީން ދެކޮޅު ޖެއްސޭނެ ފަދަ ގޮތަކަށް ހިކުމަތްތެރިކަމާއި ރޭވުންތެރިކަމާ އެކު ކަމަށެވެ.
"އަޅުގަނޑުމެންނަށް ނުފުއްދޭނެ ވައުދެއް ނުވާނަން. ޚާއްސަކޮށް އަޅުގަނޑުމެންވާ ވައުދަކީ ބޮޑުފޮށީގައި އޮތް ފައްޓަރުބައި ވިއްކާފައި ފުއްދާނެ ވައުދަކަށް ވެސް ނުވާނެ. އަދި ދައުލަތުގެ ހަރުމުދާތައް ދޫކޮށްލާފައެއް ނޫނޭ އަޅުގަނޑުމެން ވައުދު ފުއްދާނި. އަޅުގަނޑުމެންގެ ވައުދުތައް ފުއްދާ އިރު ދައުލަތުގެ މިލްކިއްޔާތާއި ދައުލަތުގެ އިސްތިގުލާލު ދެމި އޮންނާނެ،" ހުސައިން ވިދާޅުވި އެވެ.
ކުރިން އޮތް އެމްޑީޕީ ސަރުކާރުގައި ވެސް އިސް މަގާމެއް ފުރުއްވި ޑރ. ހުސައިން ވިދާޅުވީ އެ ސަރުކާރުން ރައްޔިތުންނަށް ވިއްކި ވައުދުތައް ފުއްދުނު މިންވަރާ ބެހޭ ގޮތުން އޭނާ އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށެވެ. ނަމަވެސް އޭރު ކަން ހިނގައި ދިޔަގޮތް ތާރީހުން ރައްޔިތުންނަށް ފެންނަން އޮންނާނެ ކަމަށެވެ.
"ރައީސް ނަޝީދު ކަންކުރެއްވި ގޮތުގެ ވާހަކަ އަޅުގަނޑު ދަންނަވާކަށް ނެތިން. ކަންތައްވީ ގޮތް ދިމާލަށް ފެންނަން އެ އޮތީ. ދިވެހި ރާއްޖޭގެ ތާރީހު ވެސް އެކަމަށް ހެކިވާނެ،" ހުސެއިން ވިދާޅުވި އެވެ.
އެ ބައްދަލު ކުރެއްވުމުގައި އެ ޕާޓީގެ ނާއިބު ރައީސް އަމީން އިބްރާހިމް ވިދާޅުވީ ރާއްޖޭގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިރު ގާސިމް އިބްރާހިމްގެ ގާބިލުކަން ރައްޔިތުންނަށް އެނގިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ރިޒާވަށް އެއް ދުވަސް ވަރެއްގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ޖަމާވެފައި ވަނީ ގާސިމް މިނިސްޓަރު ކަން ކުރެއްވި ދުވަސްވަރު ކަމަށާއި އޭރު ދައުލަތުގެ ރިޒާވް 150 މިލިއަށް ޑޮލަރުން 358 މިލިއަން ޑޮލަރަށް އުފުލިގެން ދިޔަ ކަމަށެވެ.