ގއ. ކޮނޑޭ ކައިރީ އޮންނަ ކޮނޑޭވިލިނގިލި ނަމަކަށް ކިޔާ ފަޅުރަށަކަށް އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ލައްގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފް މިރޭ ވިދާޅުވީ އެ ރަށަށް އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ލައްގައިގެން އުޅޭކަމަށް މިއަދު 3:10 އެހާކަންހާއިރު ބަޔަކު ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އިރުއޮއްސި 6:40 ހާއިރު ފުލުހުން އެ ރަށަށް ދިޔަ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ރަށަށް ލައްގާފައި ވަނީ ފިރިހެނެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ކަމަށާއި ލައްގާފައި ވަނީ ވައަތާއި ތިރީބައި ކަމަށެވެ. އަދި ތަހުގީގަށް ބޭނުންވާ ސާމްޕަލްތައް ނެގުމަށް ފަހު އެ ރަށް ކައިރީ އޮންނަ އެހެން ފަޅުރަށެއްކަމަށްވާ ގަލަމާދޫގައި ގަބުރު ވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވައަތު އަތުގެ ބައެއް މިއިންނަނީ ކޮންމެވެސް ވަރަކަށް ފައިގައި ތަތްލަވާފައި. ވައަތް ފިޔަވައި އަޕާބޮޑީގެ [ހަށިގަނޑުގެ މަތީގެ] އެއްވެސް ބަޔެއް ނެތް. ތަހުގީގަށް ބޭނުންވާ ސާމްޕަލްތައް ނެގުމަށް ފަހު އެރަށް ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ގަލަމާދޫގައި އެ ބޮޑީ ވަޅުލުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުން،" ހަނީފް ވިދާޅުވި އެވެ.

ކޮނޑޭވިލިނގިއްޔަކީ ވޯޓާސްޕޯޓްސް ގޮތުގައި ތަރައްގީކުރުމަށް ސަރުކާރުން ބަޔަކަށް ދޫކޮށްފައިވާ ރަށެކެވެ.