އައްޑު ސިޓީ ކައުންސިލުން ފަށާފައިވާ ތަފާތު އެކި ޕްރޮޖެކެޓް ތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި ހުރުމުގެ ސަބަބުން ކައުންސިލްގެ ދަރަނި 12 މިލިޔަން އަށް އަރާފައިވާ ކަމަށާއި އަދި މިދިޔަ އަހަރުގެ ބަޖެޓްގެ ތެރެއިންނާއި އެހެނިހެން ގޮތްގޮތުން ސަރުކާރުން ކައުންސިލަށް ލިބެން ޖެހޭ 20 މިލިޔަން ރުފިޔާ އެބަ ހުރި ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

ސަން އޮމްލައިންއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގް (ސޯބެ) ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއަށްޓަކައި ހިންގާފައިވާ ތަފާތު އެކި ޕްރޮޖެކްޓް ތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކޭނީ ވެސް ސަރުކާރުން ލިބެން ޖެހޭ ފައިސާ ލިބިގެން ކަމަށެވެ. އަދި ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއަށްޓަކައި މިދިޔަ އަހަރު ހިންގާފައިވާ ތަފާތު އެކި ޕްރޮޖެކްޓް ތަކަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށްޓަކައި މިދިޔަ މަހު ފަހުކޮޅު ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދުއާއި ބައްދަލު ކުރައްވައި، ސަރުކާރުން ދޭން ޖެހޭ 20 މިލިޔަން ރުފިޔާގެ ތެރެއިން 12 މިލިޔަން ރުފިޔާ ހަމަޖައްދައި ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ސަރުކާރުން އެކަމަށް އަދި އިޖާބަ ދެއްވާފައި ނުވާ ކަމަށް ސޯބެ ވިދާޅުވި އެވެ.

"އަލުގަނޑުމެންނަށް 2012 ވަނަ އަހަރު ދައުލަތުން ދެއްވާފައިފާ ބަޖެޓަކީ 64 މިލިޔަން ރުފިޔާ. އޭގެ ތެރެއިން ގާތް ގަޑަކަށް 10 މިލިޔަން ރުފިޔާ އުނިވެގެން ދިޔަ. ބަޖެޓުގެ ތެރެއިން ރިކަރެންޓް ހަރަދު ތަކަށް ލިބުނީ 18 މިލިޔަން. އަދި އޭގެ ތެރެއިން 15 ޕަސެންޓް އުނިކުރުމުން އަޅުގަމޑުމެންނަށް ބޭނުން ކުރަން ލިބުނީ 8 މިލިޔަން. ދެން އައްޑޫ ސިޓީގެ ތަރައްގީ އަށް ހިންގާފައިވާ ޕްރޮޖެކްޓްތަކަށް އަންދާޒާ ކުރެވޭ ގޮތުގަ 12 މިލިޔަން ރުފިޔާ އަރާނެ. މުސާރައިގެ ކޯޑުގެ ގޮތުގައާއި އަދި ވެސް އެހެނިހެން ގޮތް ގޮތުން ސަރުކާރުން އަޅުގަނޑުމެންނަށް ލިބެންޖެ އެއްޗެއްގެ ގޮތުގަ 20 މިލިޔަން ރުފިޔާ ހުންނާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ،" ސޯބެ ވިދާޅުވި އެވެ.

ސޯބެ އިތުރަށް ވިދާޅުވީ ބަޖެޓްގެ ދަތިކަމާ ހުރެ ކައުންސިލަށް ފަންނީ މާހިރުންގެ ގޮތުގައި ބޭނުންވާ މީހުން ވެސް ހޯދޭނެ ގޮތެއް ނެތް ކަމަށާއި އިދާރީ ގޮތުން ވެސް ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލަށް މިއަހަރުގެ ބަޖެޓްގެ ތެރެއިން ކަނޑައަޅާފައިވާ މިންވަރާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ސޯބެ ވިދާޅުވީ ކައުންސިލުން ބަޖެޓް ތައްޔާރު ކުރުމަށް ފަހު ކައުންސިލަށް ބޭނުންވާ ބަޖެޓްގެ ގޮތުގައި ފިނޭންސް އަށް ފޮނުވާފައި ވާނީ 159 މިލިޔަން ރުފިޔާ ކަމަށާއި އެހެން ނަމަވެސް ބަޖެޓް ފާސްވެގެން އައިރު އައްޑޫ ސިޓީ ކައުންސިލަށް ކަނޑައަޅާފައި ވަނީ 33 މިލިޔަން ރުރިޔާ ކަމަށެވެ. އޭނާ ވިދާޅުވީ 33 މިލިޔަން ރުފިޔާ އަކީ ކައުންސިލު ހިންގުމަށް ދައުލަތުން ދޭ ބަޖެޓްގެ ގޮތުގައި ގަބޫލު ނުކުރައްވާ ކަމަށާއި އެއީ ދައުލަތުގެ އަހަރީ ބަޖެޓްގެ ތެރެއިން ކައުންސިލް ހިންގުމަށްޓަކައި ދޭ އެހީ އެއް ކަމަށެވެ.

"އަޅުގަނޑުމެން ފިނޭންސް އަށް ފޮނުވީ 159 މިލިޔަން ރުފިޔާގެ ބަޖެޓެއް. އެއީ އަޅުގަނޑުމެންނަށް އާންމުދަނީގެ ގޮތުގައި 40 މިލިޔަން ރުފިޔާ ހޯދެނެ ކަމަށް ބަލާފަ. އެހެން ނަމަވެސް ފިނޭންސްއިން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ އަޅުގަނޑުމެން ފޮނުވި ބަޖެޓެއް ނޫން. އެއަށް ވުރެ ކުޑަ ބަޖެޓެއް. އަދި ރައްޔިތުންގެ މަޖަލީހުން ދައުލަތުގެ ބަޖެޓް ފާސް ވެގެން އައިއިރު މާ ބޮޑަށް އޮތީ ކުޑަ ކޮށްފަ. މިހާރު ދައުލަތުގެ ބަޖެޓުން އަޅުގަނޑުމެންނަށް ދޭން ކަނޑައަޅާފައި ވަނީ 33 މިލިޔަން ރުފިޔާ. އޭގެން އަޅުގަނޑުމެންނަށް އެއް ވެސް ކަމެއް ނުކުރެވޭނެ. ހަމައެކަނި ފެންވަރާ ފުއްޖަހާލައިގެން ޓައިއަޅައިގެން އައިސް އޮފިހުގަ ތިބެން ޖެހޭނީ،" ސޯބެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ބަޖެޓުން އައްޑޫ ސިޓީ ކައުންސިލަށް ދޭން ކަނޑައަޅފައިވާ މިންވަރު ބަލާއިރު ކައުންސިލް ހިންގޭނީ ތިން މަހަށް ކަމަށާއި އޭގެ ފަހުން ކައުންސިލް އިދާރާ ޖެހޭނީ ބަންދު ކުރަން ކަމަށެވެ.

އޭނާ ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން ކަރަންޓަށް ވެސް މަހެއްގެ މައްޗަށް ހަތްލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރަން ޖެހޭ ކަމަށާއި އެހެން ކަމުން ތިން މަސް ފަހުން ކައުންސިލުން އެފަދަ ހަރަދު ތައް ވެސް ކުރެވިދާނެ ކަމަށް ގަބުލު ނުކުރައްވާ ކަމަށެވެ.

ސޯބެ އިތުރަށް ވިދާޅުވީ އައްޑޫ ސިޓީގެ މަގުތައް މިއަންނަ އެޕްރީލް މަހު ނިމުމަށް ފަހު އެ މަގުތަކުގައި ކައުންސިލުން ކުރަން ޖެހޭ ކަންތައްތައް ވެސް ނުކުރެވޭނެ ކަމަށެވެ. އެގޮތުން މަގުތަކުގައި ހަރުކުރަން ޖެހޭ ތަފާތު އެކި ބޯޑު ތަކާއި އަދި މަގުރަކުގެ މަރާމާތަށްޓަކައި ކުރަން ޖެހޭ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.