29 Jan 2013, 17:43
"އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ނެޓް ވޯކެއްގެ ގޮތުގައި އުޅެނީ ބޮޑު ދެ ގުރޫޕެއް ކަން ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އައްޑޫ ސިޓީގައި ހިންގާ ކުށްތައް މަދުކުރުމުގެ ގޮތުން ފުލުހުން ފަށާފައިވާ "އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނާ ބެހޭ ގޮތުން މިއަދު މައުލޫމާތު ދެއްވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރުހާދު ފިކްރީ ވިދާޅުވީ އެ އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާ ފެނިފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ގިނަ މައްސަލަތަކެއްގައި އެ އޮޕަރޭޝަނުގެ ދަށުން މީހުން ހައްޔަރުކޮށްފައިވާ އިރު، އެކަން ކުރާ އުޅެނީ ބޮޑު ދެ ގުރޫޕެއްކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ފަރުހާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މީހުންނަކީ ފުޅާ ދާއިރާއެއްގައި އެކަން ކުރާ ބައެއް ކަމަށެވެ. ނަމަވެސް އެ މީހުންގެ ތަފްސީލެއް ނުދެއްވަ އެވެ.
އަފިރިންގެ އަމާން އައްޑޫ ސިޓީ އޮޕަރޭޝަނުގެ ދަށުން މަސްތުވާތަކެއްޗާއި ބަނގުރަލާ ގުޅުން ހުރި 71 މައްސަލައެއް ހުށަހަޅާފައިވާ އިރު ޓްރެފިކް މައްސަލަތަކުގައި 43 މައްސަލަ ހުށަހަޅާފައިވެ އެވެ. އެހެނިހެން 39 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެ އޮޕަރޭޝަންގެ ދަށުން 150 މީހަކު ވަނީ ތަފާތު އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައި ކަމަށް ފަރުހާދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭގެ ތެރެއިން މިހާރު ބަންދުގައި ތިބީ 33 މީހަކު ކަމަށެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ދެ ކުއްޖަކު ތިބި ކަމަށް ވެސް ފަރުހާދު ވިދާޅުވި އެވެ.
ފަރުހާދު ވިދާޅުވީ މިހާތަނަށް 14 ވެހިކަލެއް ޓޯ ކޮށްފައިވާ ކަމަށެވެ.
އައްޑޫ ސިޓީ އޮޕަރޭޝަނުގެ މައުލޫމާތު ފޭސްބުކް ޕޭޖެއް މެދުވެރިކޮށާއި ޓްވިޓާ މެދުވެރިކޮށް އެ މައުލޫމާތު ދޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.