29 Jan 2013, 17:22
ރައްޔިތުންގެ މަޖިލީހުން މިއަހަަރަށް ކަނޑައަޅާފައިވާ 15.3 ބިލިއަން ރުފިޔާގެ ބަޖެޓުން ހަރަދު ކުޑަކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
މިގޮތަށް ވަޒީރުންގެ މަޖިލީހުން ނިންމީ މިއަދު ބޭއްވި އެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގަ އެވެ. މިގޮތުން އެޅުމަށް ނިންމި ފިޔަވަޅުތަކުގެ ތަފްސީލު، އެ މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް ވަރަށް އަވަހަށް އަންގާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި ދައުލަތުގެ ހަރަދުތައް ވަރަށް ބޮޑަށް ކޮންޓްރޯލް ނުކޮށްފިނަމަ، އަހަރުގެ ފަހުކޮޅަށްދާއިރު ބޮޑެތި ދަތިތަކަކާ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކުރެއްވި އެވެ.
ދައުލަތުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ހުއްޓުމަކަށް ނުގެނެސް، އެ ހިދުމަތްތައް ފޯރުކޮށްދެމުން ގެންދިއުމަށް ވެސް މިއަދުގެ ޖަލްސާގައި ވަނީ ނިންމައިފަ އެވެ.