29 Jan 2013, 17:22
ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ކުރުމަށް ފުލުހަކު މުގުރު ބޭނުން ކުރުމުން ސައިކަލް ކޮންޓްރޯލުން ނެއްޓި ހިނގި އެކްސިޑެންޓްގައި މަރުވި ސ. ހިތަދޫ ރަތްފުސްގޭ އަބްދުﷲ ގާސިމް 43،ގެ މާރާ ގުޅިގެން ފުލުހުންގެ އަމަލު ކުރި ގޮތާމެދު އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ގާސިމް މަރުވި ހާދިސާގައި ފުލުހުންގެ އިހްމާލެވޭތޯ ބަލުމަށް ރައްޔިތުން މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އަށް ގާސިމްގެ އަނބިމީހާ ނަސީމާ ޚަލީލު އާއި އޭނާގެ ދޮށީ ދަރި، މުހައްމަދު ގައިސް ހާޒިރުކޮށް ސުވާލު ކުރުމުން އާއިލާއިން ބުނެފައި ވަނީ އެ ހާދިސާއަށް ފަހު ފުލުންގެ ފަރާތުން އެކަށީގެންވާ ވަރުގެ އެހީތެރި ކަމެއް ލިބިފައި ނުވާ ކަމަށާއި އެ ހާދިސާގެ ތަހުގީގު މައުލޫމާތު ވެސް އެދެވޭގޮތެއްގައި ފޯރުކޮށްދެމުން ނުދެމުން ނުދާ ކަމަށެވެ.
ގާސިމްގެ ހުވަފަތް އަނބިމީހާ ބުނީ އެ ހާދިސާ ހިނގުމާއި ގުޅިގެން ހޮސްޕިޓަލު ތެރެއިން ގާސިމް އެކްސިސެޑެންޓްވީ ކަމަށް ބުނުން ފިޔަވާ އެކަން ހިނގާފައިވާ ގޮތް އޭނާ އަށް ފުލުހުން ހިއްސާކޮށްފައިނުވާ ކަމަށެވެ. އަދި ހާދިސާ ހިނގި ދުވަހު ފުލުހުންގެ ފުރިހަމަ އެހީތެރިން ލިބެމުންދާނެ ކަމަށް ބުނި ނަމަވެސް ގާސިމް ރާއްޖެއިން ބޭރަށް ގެންދިއުމަށް ލޯންޗެއް ހަމަ ޖައްސަދިނުމަށް އެދުމުން އެކަން ކޮށްދެވިފައި ނުވާއިރު އެއްވެސް މާލީ އެހީތެރިކަމެއް ވެސް ވެދީފައި ނުވާ ކަމަށް އާސިމްގެ އަންހެނުން ބުންޏެވެ.
"އެ ދުވަހު އެކްސިޑެންޓަށް ފަހު ވިދާޅުވީ އެހީތެރިވެ ދޭނަމޯ. ދެން ލަންކާއަށް ދާން ޖެހުނުއިރު އާސަންދައިން ލިބެނީ ހަމަ އެކަނި ގާސިމަށް އެކަނި. އެއީ ސިސް ޝީޓް ކަންނޭގެ ދާން ޖެހޭ. އެހީތެރިޔާ ނާސް، ޑޮކްޓަރު އެ ހުރިހާ އެންމެންގެ ޓިކެޓް އަޅުގަނޑުމެން އަމިއްލައަށް ނަގަން ޖެހުނީ. އެއާ ހިސާބުން ޕޮލިހުގައި އެދުނީ އެހީތެރި ކަމެއް ވެދެން. ދެން ޕޮލުހުން އަންގަނީ ތިމަންނަމެންގެ މާލިޔަތު ގާނޫނު އޮންނަ ގޮތުން ނޯވެއޭ އެހީތެރިވެދޭކަށް. ސީދާ ތިމަންނަމެންގެ ކޭސްއަކަށް ކަން ނޭނގެންޏާއި ނޭންގެނެޔޯ އެހީތެރިވެދޭކަށް،" ގާސިމްގެ އަންހެނުން ނަސީމާ ބުންޏެވެ.
ގާސިމް މަރުގެ ހާދިސާއާ ގުޅިގެން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވެފައި ވަނީ ގާސިމްގެ އާއިލާއަށް ފުލުހުން އެހީތެރިވެދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ރިޔާޒް އެހެން ވިދާޅުވި ދުވަހު ވިކްޓިމް އެސޯސިއޭޝަނުގެ އެހީތެރި ކަމެއް ލިބޭނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށް އާއިލާއިން ބުންޏެވެ. ނަމަވެސް އެއީ ކޮން އެހީތެރި ކަމެއް ކަމެއް ނޭނގޭ ކަމަށް އާއިލާއިން ބުންޏެވެ.
މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުގައި ގާސިމްގެ އާއިލާގެ ވަކީލެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި ގާނޫނީ ވަކީލް އަބްދުﷲ ހަސީން ވިދާޅުވީ އެ ހާދިސާ ހިނގިއިރު ކުށްވެރިޔާ މަޑުކުރުމަށް މުގުރުބުރިން ޖެހި ފުލުސް މީހައަކީ އެކަށީގެންވާ ވަރުގެ ތަމްރީނެއް ލިބިފައިވާ މީހެއް ނޫންކަން އާއިލާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ ހާދިސާ ހިނގަން ދިމާވުމުގައި ފުލުހުން ކަން ކޮށްފައި ވަނީ ފުލުހުންނަށް ގާނޫނާއި ގާނޫނު އަސާސީން ލިބިދީފައިވާ ބާރުތަކުގެ ބޭނުން ކުރަން ޖެހޭ ވަރަށް ވުރެ ބޮޑަށް ކަމަށް ގަބޫލުކުރާ ކަމަށް ވެސް ހަސީން ވިދާޅުވި އެވެ.
މިއަދު ކޮމެޓީގައި ގާސިމް 18 ފިރިހެން ދަރި، ގައިސް ބުނީ ބައްޕަގެ މަރާ ގުޅޭ ގޮތުން އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރި ކަމަށާއި ބައްޕަގެ މަރުގެ ބަދަލުގައި ބޭނުންވަނީ ކޮން ގޮތެއްތޯ އެހުން ފިޔަވާ އެއްވެސް މައުލޫމާތެއް ދީފައި ނުވާ ކަމަށެވެ.
"އެ މީހުން އެދުވަހު ހަމައެކަނި ސުވާލުކުރީ ކޯޓަށް ގެންދިއައީމަ ބޭނުން ވަނީ ކޮންކަމެއްހޭ ބައްޕަގެ މަރުގެ ބަދަލުގައި. މަރުގެ ދިޔަހޭ ނޫނީ މަރަށް މަރުހޭ. ދެން އިތުރު މައުލޫމާތެއް ވެސް ނާރުވާ. ދެން މަރުގެ ދިޔައޭ ބުނީމަ އޭފޯ ސައިޒް ގަނޑަކަށް އެލިޔެފައި ސޮއި ކުރުވާފައި ބުނީ ދެން އޯކޭޔޯ ދިޔައަސް،" ގައިސް ބުންޏެވެ.
އާއިލާއިން މިއަދު ބުނެފައިވަނީ ގާސިމް މަރުވި ވީޑިޔޯ ލީކްވުމުގެ ކުރިން އެކަން ހިނގާފައިވާ ގޮތް ނޭނގޭ ކަމަށާއި މައުލޫމާތުތައް ލިބުނީ ވެސް އެ ވީޑިޔޯތަކުން ކަމަށެވެ.
"އުއްމީދުކުރީ ހާދިސާ ހިނގިގޮތް އާއިލާއަށް ފުލުހުންގެ ފަރާތުން ބުނެދޭނެ ކަމަށް. ކަންހިނގާދިޔަ ގޮތް މީޑިޔާއަށް ހާމަ ނުކުރި ނަމަވެސް އާއިލާއަށް އޭގެ ތަފްސީލް ދޭނެ ކަމަށް ނުވަތަ ވީޑިޔޯއެއް ނަމަ އެ ވީޑިޔޯއެއް ވެސް ދޭނެ ކަމަށް އުއްމީދުކުރީ،" އާއިލާގެ ވަކީލް ހަސީން ވިދާޅުވި އެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި ގާސިމް މަރުވި ހާދިސާގައި ފުލުހުން ވެފައިވާ އިހްމާލްތަކަކީ ކޮބައިތޯ ކުރި ސުވާލުގެ ޖަވާބު ލިއުމަކުން ހުށަހެޅުމުގެ ފުރުސަތު އާއިލާއަށް ވަނީ ދީފަ އެވެ.