މިދިޔަ ހަފުތާގައި ހޯރަފުށީގައި މަރާލައި ފަޅުގެއެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު ހޯރަފުށީ ސީވިއު, ހުސެއިން މަނިކު (ހުސޭނުބޭ) 61، މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ވަނީ ތިން މީހުން ކަމަށް ފޮރެންސިކް ހެކިތަކުން ދައްކާ ކަމަށް ތަހުގީގާބެހޭ މައުލޫމާތު ރަށުގެ އިސް ފަރާތްތަކަށް ދިނުމަށް ރޭ ހޯރަފުށީގައި ބޭއްވި ބައްދަލުވުމެއްގައި ތަހުގީގު ޓީމުން ބުނެފި އެވެ.


ތަހުގީގު ޓީމުން ރަށުގެ ރައްޔިތުންގެ އިސް ފަރާތްތަކަށް, ހުސޭނުބޭގެ މަރާބެހޭ މައުލޫމާތު ދިނުމަށް 9:00 އިން 10:00 އަށް ވަނީ އެއްގަޑިއިރު ބައްދަލުވުމެއް ބާއްވާފަ އެވެ.


ހޯރަފުށީ އޮފީހުގައި ރަށުގެ އިސް ފަރާތްތަކާއެކު ތަހުގީގު ޓީމް ރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ރަށުގެ އިސް ބޭފުޅަކު ވިދާޅުވީ މަރާ ގުޅިގެން މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައި ވީނަމަވެސް ތަހުގީގުގައި މިހާތަނަށް ބެލި ބެލުންތަކާއި ހެކިތަކާއި ފޮރެންސިކް ހެކިތަކުން ދައްކާ ގޮތުގައި ހުސޭނުބޭ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ވަނީ އޭގެ ތެރެއިން ތިން މީހުން ކަމަށް ތަހުގީގު ޓީމުން ރޭ ބުނި ކަމަށެވެ. އޭނާ ވިދާޅުވީ ހައްޔަރުކޮށް ދިއްދޫ ޕޮލިސް ސްޓޭޝަންގައި ބައިތިއްބުމަށްފަހު ތަހުގީގަށް ގެންނަ އެރަށު ފަސް މީހުންގެ ތެރެއިން ބައެއް މީހުން ތަހުގީގަށް އެއްބާރުލުންދޭ ކަމަށް ވެސް ފުލުހުންގެ ޓީމުން ރޭ ރައްޔިތުންގެ އިސް ފަރާތްތަކަށް މައުލޫމާތު ދިން ކަމަށެވެ.


"ތަހުގީގު ޓީމުން ރޭ ބުނި ހުސޭނުބޭ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ހެކިތަކުން މިހާތަނަށް ދައްކަނީ ތިން މީހެކޭ ބަންދުގެ މުއްދަތަށްފަހު އަނެއް ދެ މީހުން ދޫކޮށްލަން ޖެހިދާނޭ. ވިސްނުންތެރިކަމާއެކު އެމީހުންނާމެދު ކަންތައް ކުރާށޭ ހައްޔަރު ކުރުމަކީ އަދި ކުށްވެރިވުމެއް ނޫނޭ،" ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ފަހު ސަންއެފްއެމް އޮންލައިނަށް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.


އޭނާ ވިދާޅުވީ މި މައްސަލައިގައި ހިމެނޭ ފައިސާތައް ވެސް އަދި އޭގެ ބައެއްވެސް ފެނުނު ކަމުގެ މައުލޫމާތު ތަހުގީގު ޓީމުން ރައްޔިތުންނަށް ދީފައި ނުވާ ކަމަށެވެ. އެކަމަކު އެފައިސާ ފެނުމަކީ ތަހުގީގަށް ލިބޭނެ ވަރަށް ބޮޑު ކުރި އެރުމެއް ކަމަށާއި ތަހުގީގު ޓީމް ހޯރަފުށިން ފައިބާނީ ހުސޭނުބޭގެ ގާތިލުންނާއި މިކަމާ ގުޅޭ ފަރާތްތަކާއި މިހާދިސާގައި ހުސޭނުބޭ އަތުން ފޭރިގެންފައިވާ ހުރިހާ ފައިސާ ވެސް ހޯދައިދީފައިކަމުގެ ޔަގީންކަން ތަހުގީގު ޓީމުން ދިން ކަމަށެވެ.


"ތަހުގީގު ނިމެނޭ ވަކި ދުވަހެއް ނުބުނޭ. އެކަމަކު ވިދާޅުވި ތަހުގީގުގައި މިހާރު ޕީޖީ އޮފީހުގެ ބޭފުޅަކު ވެސް ބައިވެރިވެފައިވާ ކަމަށް،" އޭނާ ވިދާޅުވި އެވެ.


އުމުރުން ދުވަސްވީ ވިޔަފާރިވެރިޔާގެ މަރާ ގުޅިގެން، މިހާތަނަށް ބެލިފައި ވަނީ އޭނާގެ އަތުން ފައިސާތަކެއް ފޭރިގެންފައި މަރާލައިފައިވާ ކަމަށެވެ.