މާލެ އަތޮޅު އެނބޫދޫ ފިނޮޅު ފަރަށް އެރި ތެޔޮ ސަޕްލައި ކުރާ ބޯޓުގެ ސަބަބުން އެ ސަރަހައްދުގެ ފަރަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބަލާނެ ކަމަށް އެންވައިރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީފީއޭ) ބުނެފި އެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމު މިއަދު ވިދާޅުވީ އެ ބޯޓު ފަރަށް އެރުމުގެ ސަބަބުން ލިބިފައިވާ ގެއްލުން އަދި ނުހޯދޭ ކަމަށާއި އެ މަސަައްކަތް އެމްއެންޑީއެފާ މަޝްވަރާކޮށްގެން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ބޯޓުގެ ސަބަބުން ފަރަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ނަމަ އެ އޮންނަ އުސޫލެއްގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެނާ ވިދާޅުވި އެވެ.

"ބޯޓު ފަރަށް އަރައިގެން ލިބުނު ގެއްލުމެއް އޮތްތޯ އަދި ނުބެލޭ، އެ މަސައްކަތް އެމްއެންޑީއެފާ މަޝްވަރާ ކުރުމަށް ފަހު އެކަމުގައި އެއްވެސް މައްސަލައެއް އުޅެންޏާ އެކަން އޮތް ގޮތެއް ބަލާނަން. ފާހަގަކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިފައިވާ ނަމަ އެކަން އަޅުގަނޑުމެން ބަލާނަން،" ނައީމް ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްދުﷲ އަލީ މިއަދު ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު އިންޖީނު ހުއްޓިގެން އެނބޫދޫ ފިނޮޅަށް އެރި ބޯޓު ފުން ކުރުމުގެ މަސައްކަތް ބޯޓުގެ ވެރިފަރާތާ ކުރަމުންދާ ކަމަށެވެ.

"އެގޮތަށް ބޯޓެއް ފަރަށް އަރައިފި ނަމަ އާއްމުކޮށް މިއޮންނަ އުސޫލަކުން އޭގެ ވެެރިފަރާތުން އަމިއްލަ އަށް އެހެން ބޯޓެއް ގެނެސްގެން ކަފުޖަހައިގެން އޭތި މި ފުންކުރަނީ. އެގޮތަށް އެ ބޯޓު ވެސް ފުންކުރުމުގެ މަސައްކަތް ކުރަމުންދަނީ ބޯޓުގެ ވެރިފަރާތުން،" އަބްދުﷲ އަލީ ވިދާޅުވި އެވެ.

ދާދިފަހުން މާލޭގެ އިރުމަތީ ފަރާތު ރާޅުގަނޑު ސަރަހައްދުގެ ފަރަށް ބޯޓެއް އެރުމާ ގުޅިގެން ފަރަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 62 މިލިއަން ރުފިޔާ ހޯދުމަށް ސަރުކާރުން ވަނީ ބޯޓުގެ ވެރިފަރާތަށް ހުށަހަޅައިފަ އެވެ.