29 Jan 2013, 16:20
މާލެ އާއި ހުޅުމާލެ އިން ފްލެޓްތައް ގަންނަ ފަރާތްތަކަށް ދޫކުރުމަށް "ހޯމް ލޯން" ނަމުގައި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާ ލޯނެއް ތައާރަފްކޮށްފި އެވެ.
މަސީ އިން މިއަދު ދަރުބާރުގޭގައި ފެއްޓި ބިލްޑް އެކްސްޕޯގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޕީއާރް މެނޭޖާ ހުސެއިން ރަޝީދު ވިދާޅުވީ އެ ލޯނަކީ މާލެ އާއި ހުޅުމާލެ އިން ފްލެޓްގަތުމަށް ދޫކުރާ ލޯނެއް ކަމަށާއި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ ކޮންމެ ދިވެއްސަކަށް ވެސް އެ ލޯން ނެގޭ އިރު އިތުރު މީހުންނާ ގުޅިގެން ވެސް އެލޯން ނެނގޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ލޯނުގެ އިންޓަރެސް ރޭޓަކަށް 11 ޕަސެންޓް ދައްކަން ޖެހޭ އިރު ލޯން ދެއްކުމުގެ މުއްދަތަކީ 15 އަހަރު ކަމަށެވެ. ލޯނު ނަގާ އިރު އެ ގަންނަ ފުލެޓެއްގެ 20 ޕަސެންޓް ދައްކަން ޖެހޭ އިރު މިހާރު ގަނެފައި ހުރި ފްލެޓްތަކުގެ 20 ޕަސެންޓް ދައްކާފައިވުމުން އެލޯން ލިބޭނެ ކަމަށް ހުސެއިން ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބޭންކްގެ މެނޭޖާ މާކެޓިން މަބުރޫކާ އަމީލް ޖަލީލް ވިދާޅުވީ އެ ލޯންގައި އެންމެ ގިނަވެގެން 15 މިލިއަން ރުފިޔާ ދޫކުރުމަށް ނިންމާފައިވާ އިރު ދަށްވެގެން ދޫކުރާނީ ތިން ލައްކަ ރުފިޔާ ކަމަށެވެ.
"ލޯން ދޫކުރުމުގައި އަޅުގަނޑުމެން ބަލާނީ އެ މީހެއްގެ އާމްދަނީ އަށާއި ބޭންކާ ވެފައިވާ އެއްވެސް ދަރަންޏަކާ ހިލާފުވެފައިވޭތޯ. ދެން އޭގެ އިތުރުން ހޯމް ލޯނުގެ ދަށުން ނަގާ ގެއަކަށް ނުވަތަ ލޯނަކީ އެ ބޭފުޅަކަށް ރަޖިސްޓްރީވާނެ ފުލެޓެއްތޯ،" މަބުރޫކާ ވިދާޅުވި އެވެ.
މަބުރޫކާ ވިދާޅުވީ އެކަކު ނަގާ ލޯނެއް ނަމަ އެ މީހެއްގެ އަހަރީ އާމްދަނީގެ 4.5 ގުނަ އަށްވާ ވަރު ދޫކުރާ އިރު ގިނަ މީހުންވެގެން ލޯން ނަގާ ނަމަ ލިބޭނީ އެ މީހުންގެ ތެރެއިން ކޮންމެ ފަރާތެއްގެ އަހަރީ އާމްމުދަނީގެ 3.75 ގުނަ ކަމަށެވެ.