އެންޓިކޮރަޕްޝަން ކޮމިޝަނުން ނެކްސްބިޒްގެ ފަރާތުން މާފަށް އެދުމަށް ކޯޓު އަމުރެއް ނެރެދިނުމަށް ނެކްބިޒް ލިމިޓެޑުން ދައުވާކުރި މައްސަލައިގައި އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ކަނޑައަޅައި ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ނެކްސްބިޒުން އެ ދައުވާ ކުރީ ރާއްޖޭގައި ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރުމަށް ނެކްސްބިޒާއި އިމިގްރޭޝަނާ ދެމެދު 17 އޮކްޓޯބަރު 2010 ގައި ވެފައިވާ އެއްބަސްވުމާ ބެހޭގޮތުން އޭސީސީން މީޑިއާގައި ނޭދެވޭ ވާހަކަތަކެއް ދައްކާ ކަމަށް ބުނެއެވެ.

ނެކްސްބިޒުން ކުރި ދައުވާގައި އެދިފައި ވަނީ އޭސީސީން މީޑިއާގައި ދައްކާ ވާހަކަތަކަކީ ގާނޫނު އަސާސީ އާއި ގާނޫނާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ކަނޑައަޅައި، އެ އެއްބަސްވުމާ ގުޅޭގޮތުން ކޯޓުތަކުގައި ހުރި މައްސަލަތައް ނިމެންދެން އެކަމާ ބެހޭ އެއްވެސް ވާހަކެއް ނުދެއްކުމަށް އޭސީސީގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ. އަދި އޭސީސީގެ އެ އަމަލުތަކުގެ ސަބަބުން ނެކްސްބިޒަށް މުޖުތަމައުގައި ލިބިފައިވާ ގަދަރަށް ނޭދެވޭ އަސަރެއް ކޮށްފައިވާ ކަމަށް ބުނެ އެކުންފުނީގެ ކިބައިން އޭސީސީން އާންމުކޮށް މައާފަށް އެދުމަށް ވެސް ދައުވާގައި ނެކްސްބިޒުން އެދުނެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ބުނަނީ ގާނޫނު އަސާސީ އާއި ކަމާ ބެހޭ ގާނޫނުތަކަށާއި ދެފަރާތުން ދެއްކިވާހަކަތަކާއި ހުށަހެޅިފައިވާ ހުރިހާ ލިޔުންތަކާ ވީޑިއޯތައް ބަލައި ޝަރީއަތުން ދިރާސާކުރި އިރު، ގާނޫނު އަސާސީ އާއި ގާނޫނުގައި ކަނޑައެޅި ގަރާރުކުރެވިފައިވާ ހުދޫދުގެ ބޭރުން އެސީސީން އެއްވެސް ކަމެއް ކޮށްފައިވާކަން ޝަރީއަތަށް ސާބިތުނުވާ ކަމަށެވެ.