29 Jan 2013, 16:09
ފުވައްމުލަކު އަތޮޅު ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ މުހައްމަދު އަނީސް ހުސައިން ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވިކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފަތުރާފައިވާ ޚަބަރުތައް އޭނާ ދޮގުކޮށްފި އެވެ.
އޭނާ މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ ފުވައްމުލަކުން ޖުމްހޫރީ ޕާޓީއާ ގުޅުނު މީހުންގެ ތެރޭގައި އޭނާ ނުހިމެނޭކަން މައުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ.
މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ލ. ގަމުގައި ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާގައި އެ ޕާޓީއަށް އަލަށް ސޮއިކުރި ކަމަށް ބުނެ އިއުލާންކޮށްފައިވާ ނަންތަކުގެ ތެރޭގައި ވެސް ޖޭޕީއަށް ސޮއި ނުކުރާ ބައެއް މީހުންގެ ނަންތައް ހިމަނާފައިވާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.
ލ. އަތޮޅު ކައުންސިލް މެންބަރު އަދި އެލްޖީއޭ ބޯޑުގައި ހިމެނިވަޑައިގަންނަވާ މުމްތާޒް ފަހުމީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައިވާ ކަމަށް އެ ޖަލްސާގައި އިއުލާން ކޮށްފައިވާއިރު އޭނާ ވިދާޅުވީ ޖޭޕީއަށް ސޮއި ކުރުމަށް އޭނާ ނިންމާފައި ނުވާކަމަށެވެ.
ހަމައެހެންމެ ކުނަހަންދޫ ޕީޕީއެމް "ފިކުރު ގޮފީގެ" ރައީސް އަހްމަދު ހުސައިން ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރިކަމަށް އެ ޕާޓީން އިއުލާން ކޮށްފައިވާތީ އެކަމާ ގުޅިގެން ޖޭޕީއާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.