29 Jan 2013, 15:58
ވަގު ޑޮލަރު ގެންގުޅުނު މީހަކު 150ރ. އިން ޖޫރިމަނާ ކުރުމަށް ފަހު ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ވަގުނޫޓު ގެންގުޅުމުގެ ކުށުގައި ޖޫރިމަނާ ކޮށްފައި ވަނީ މއ. އޯޗަޑް 2 ނިރުސިޔާން އަބްދުއްރައްޒާގެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ ނިރުސިޔާންގެ އަތުން ސައްހަ ނޫން 100 ޑޮލަރުގެ ތިން ނޫޓު ފެނިފައިވާކަމަށް އޭނާ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައިވާކަމަށެވެ. އެހެންކަމުން ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުން އޭނާގެ މައްޗަށް ކުރި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުން އޭނާ ކުށްވެރިވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
ހަތް ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އޭނާގެ މައްޗަށް ހުކުމްކޮށްފައި ވާ އިރު މީއީ ޖިނާއީ ކުށެއް އޭނާގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.